ތިމާވެއްޓާއި ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ ވެރިރަށް ބޮޑު އިންސާނީ ކާރިސާއެއްގެ ތެރެއަށް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ކުރިމަތިވެފައިވާ ފެނުގެ ތަދުމަޑުކަން އިންތިހާއަށް ބޮޑުވެ، އެ ރަށުގެ ބިމުގެ ފެންފަށަލަ މުޅިން ހުސްވުމުގެ ބިރު ބޮޑުވެއްޖެ އެވެ. ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ "ޕްރޮސްޕާ ގްލޯބަލް" އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މޫސުމީ ބަދަލުތަކާއި އާބާދީ އިތުރުވުމުގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ކާބުލް ވެގެންދާނީ މުޅިން ފެން ހުސްވާ ފުރަތަމަ ޒަމާނީ ބޮޑު ސިޓީއަށެވެ. ނަމަވެސް، އެ ރަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް މި ކާރިސާ ވަނީ މިހާރުވެސް ތަހައްމަލު ކުރަންޖެހިފައެވެ.

ކާބުލްގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާއިރު، ރައްޔިތުން ދަނީ ދެނީ އަސާސީ ޚިދުމަތްތަކުން މަހްރޫމްވަމުންނެވެ. އެ ރަށުގެ ޚައިރު ޚާނާ ސަރަހައްދުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ އާއިލާތަކުން ބުނާ ގޮތުގައި، ގޭގޭގެ އިސްކުރުތަކުން ފެން ނުލިބޭތާ އަހަރުތަކެއް ވަނީ ވެފައެވެ. ފެން ވިއްކާ އަމިއްލަ ޓޭންކަރުތަކުން ފެން ގަތުމުގެ ތަނަވަސްކަން ނެތުމުގެ ސަބަބުން، ކުޑަކުދިންނާއި އަންހެނުން ދަނީ ކޮންމެ ދުވަހަކު މިސްކިތްތަކުގެ އަތުޕަމްޕުތަކުން ފެން ނެގުމަށް ގަޑިއިރުތަކެއް ވަންދެން ސަފުހަދައިގެން ތިބެންޖެހިފައެވެ. މި ހާލަތުގެ ސަބަބުން ކުދިންގެ ތައުލީމަށް އަސަރުކޮށް، އާންމު އިޖުތިމާއީ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ކާބުލް އަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ސަރަހައްދެވެ. ހިންދު ކުޝް ހިމާލަޔާ ފަރުބަދަތަކުގެ ސިލްސިލާއިން ފައިބާ ފެނާއި ގަނޑުފެން ވިރިގެން އަންނަ ފެނުން ކާބުލް ގެ ބިމުގެ ފެންފަށަލަތައް ފުރެމުން ދިޔަނަމަވެސް، ވޭތުވެދިޔަ 10 އަހަރު ތެރޭގައި ފެންފަށަލައިގެ އުސްމިން ވަނީ 100 ފޫޓަށްވުރެ ދަށަށް ގޮސްފައެވެ. ހަނގުރާމައާ ހެދި މޫސުމް ތަޣައްޔަރުވެ ޖެހިޖެހިގެން ހަ އަހަރު ވިއްސާރަނުވުމުގެ ސަބަބުން އަދި ވޭތުވެދިޔަ އަހަރުތަކުގައި ގަނޑުފެން ފޭބުން 20 އިންސައްތައަށް ދަށަށް ދިއުމުގެ ސަބަބުން، އަހަރަކު 1.55 ބިލިއަން ކިއުބިކް ފޫޓުގެ ފެނުގެ ތަދުކަމެއް ދަނީ އުފެދެމުންނެވެ.

ޖަމިއްޔާތަކުންނާއި އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކާބުލްގެ އާބާދީ ވަނީ 2001 ވަނަ އަހަރު 1 މިލިއަނަށްވުރެ މަދުކޮށް އޮތުމަށްފަހު، މިހާރު 6 މިލިއަނަށް އުފުލިފައެވެ. އަވައްޓެރި އިރާން އަދި ޕާކިސްތާނުން އަފްޣާނިސްތާނުގެ ރައްޔިތުން ނެރެލުމާ ގުޅިގެންނާއި، ރަށްފުށު ސަރަހައްދުތަކުން މީހުން ވެރިރަށަށް ހިޖުރަކުރުމުގެ ސަބަބުން ފެނަށް އޮތް ބޭނުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ އިތުރުން، އެކަށީގެންވާ ޑްރެއިނޭޖް ސިސްޓަމެއް ނެތުމުގެ ސަބަބުން، ވާރޭ ވެހޭ ވަގުތުތަކުގައި ފެންފަށަލައަށް ފެން ނުވަދެ، ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.

އދ. ގެ ޔުނިވަސިޓީ އިންސްޓިޓިއުޓް ފޯ ވޯޓާ، އެންވަޔަރަންމަންޓް އެންޑް ހެލްތުގެ ޕްރޮފެސަރު މުހައްމަދު ފާއިޒީ ވިދާޅުވީ، ކާބުލް އޮތީ "އިންސާނީ ކާރިސާއެއްގެ" ތުންފަތް މަތީގައެވެ. "އަޅުގަނޑުމެންނަށް މައްސަލަ ހައްލުކުރުމަށް ލިބިފައިވަނީ ވަރަށް ކުރު މުއްދަތެއް. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، މުޅި ސިޓީއިން ފެން ހުސްވެ، ބޮޑު ހިޖުރަކުރުމަކަށް ދާންޖެހޭނެ،" ފާއިޒީ ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ފެނާއި ހަކަތައާ ބެހޭ ވުޒާރާގެ ތަރުޖަމާނު މަތީއުﷲ އާބިދު ވިދާޅުވި ގޮތުގައި، ސަރުކާރުން ދަނީ މައްސަލަ ހައްލުކުރުމަށްޓަކައި ޑޭމްތައް ބިނާކުރުމާއި ފެންފަށަލަ ފުރުމަށް ޓަކައި ވަޅުތައް ކޮނުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައުމާއެކު ބައިނަލްއަގުވާމީ އެހީތައް ހުއްޓި، އިންޑިއާއިން ފަންޑުކުރަން އުޅުނު "ޝާހްތޫތު ޑޭމް" ފަދަ ބޮޑެތި މަޝްރޫއުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކާބުލްގެ 80 އިންސައްތަ ފެންފަށަލަ ނަޖިސް މާއްދާތަކުން ސީދާ ތަޣައްޔަރުވެފައިވާއިރު، ނިކަމެތި އާއިލާތަކުން ދަނީ އެމީހުންގެ އާމްދަނީގެ 30 އިންސައްތަ ހަމައެކަނި ފެން ގަތުމަށް ޚަރަދުކުރަމުންނެވެ.

ހިއްސާ ކުރައްވާ!