އެމެރިކާގެ ޓެނެސީ ސްޓޭޓްގެ ޖަލެއްގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ދިން ވިހަ ދެ އިންޖެކްޝަނުން ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު ހޭއަރައި ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ހާމަކޮށްފި އެވެ.
މިއީ ފާއިތުވި 200 އަހަރުގެ ތެރޭގައި ޓެނެސީގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ކުރެވުނު ފުރަތަމަ މަސައްކަތެވެ. 1995 ވަނަ އަހަރު، އުމުރުން 19 އަހަރުގެ ކޮލީން ސްލެމާ މަރާލި ކުށް ސާބިތުވެ މަރުގެ އަދަބު އިއްވާފައިވާ ޕައިކްގެ ގާނޫނީ ވަކީލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްހީ ގޮތުން ނާޒުކު ހާލަތެއްގައި ހުރިނަމަވެސް، އޭނާ ހޭއަރައި، ދަނީ ވާހަކަދައްކަމުން ކަމަށެވެ. އަދި އޭނާއަށް އެމެޖެންސީގައި ދޭންޖެހޭ ސިއްހީ ފަރުވާ ދެމުންދާއިރު، އޭނާގެ ދެއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެނދުގައި ވަނީ އަތުބިޑި އަޅުވައި ބަނދެފައެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ޕައިކްގެ ހަށިގަނޑަށް "ޕެންޓޯބާބިޓާލް" ގެ ދެބަނަ ވިހަ އިންޖެހކްޝަން ޖަހަން ޖެހުނީ ފުރަތަމަ އިންޖެކްޝަނުން އޭނާ މަރު ނުވުމުންނެވެ. އަދި އޭނާގެ ނާރުތައް ނުފެނުމުގެ ސަބަބުން އައިވީ ލައިން ގުޅުމަށް ދަންޖައްސާ ޓީމުން ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ.
އެގޮތުން، އެއް ގަޑިއިރަށްވުރެ ގިނަ އިރު ކުރި މަސައްކަތުގައި މަދުވެގެން ހަތް ކަށި ބޭނުންކުރި ކަމަށް ވަކީލުން ބުންޏެވެ. ނާރުތަކަށް އައިވީ ރަނގަޅަށް ނުގުޅުމުގެ ސަބަބުން އިންޖެކްޝަންގެ ބޭސް ދިޔައީ ސީދާ ލޭހޮޅިތަކުގެ ތެރެއަށް ނޫން ކަމަށާއި، އޭގެ ސަބަބުން ހަށިގަނޑުގެ އެހެން ސެލްތަކަށް ބޭސް ފެތުރި، އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެގެން ދިޔައެވެ.
މި ހާދިސާއާ ގުޅިގެން، ޓެނެސީގެ ގަވަރނަރު ބިލްލީ ވަނީ އެ ސްޓޭޓްގައި ދެން ތަންފީޒުކުރަން ހަމަޖެހިފައިވާ މަރުގެ އަދަބުތައް ވަގުތީގޮތުން މަޑުޖައްސާލައި މި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް އަމުރުކުރައްވާފައެވެ. މި ތަހުގީގު ހިންގެވުމާ ހަވާލުވެވަޑައިގަތީ ކުރީގެ އެމެރިކާގެ އެޓާނީ އެޑް ސްޓެންޓަން އެވެ. މީގެއިތުރުން، ޓެނެސީގެ ކަރެކްޝަންސް ކޮމިޝަނަރު ފްރޭންކް ސްޓްރާޑާ ވަނީ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވާފައެވެ.
މީގެ ކުރިންވެސް ޓެނެސީން ވިހަ އިންޖެކްޝަން ޖަހައިގެން މީހަކު މަރަން އުޅުމުން އޭނާ މަރުވެފައެއް ނުވެއެވެ. މިއީ މިއަހަރުގެ ތެރޭގައި އެ ސްޓޭޓްގައި މަރުގެ އަދަބު ތަންފީޒު ނުކުރެވި ދިޔަ ދެވަނަ ފަހަރެވެ.
ޕައިކްގެ ވަކީލުން މިހާރު ދަނީ ކޯޓު މެދުވެރިކޮށް، މަރުގެ އަދަބު ދިނުމަށް ކުރެވުނު މަސައްކަތުގެ ހުރިހާ ހެކިތަކެއް ރައްކާތެރިކުރުމުގެ އަމުރަކަށް އެދެމުންނެވެ. އަދި އޭނާގެ މަރުގެ އަދަބު، ކަންކަން ހިނގާދިޔަ ނުބައި ގޮތުގެ ސަބަބުން، އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމަށް ގަވަރނަރަށް ވަނީ ގޮވާލާފައެވެ.



