ގުޅުން ވަރުގަދަކޮށް، އީރާނަށް އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ޕޫޓިން ވިދާޅުވެއްޖެ

އެމެރިކާއާއި އިސްރާއީލާއެކު އިރާނުން ކުރިމަތިލަމުންދާ މަސްރަހު ސުލްހަވެރިކަމާއެކު ހައްލުކުރުމަށްޓަކައި ރަޝިޔާއިން ދެވޭނެ އެންމެ ބޮޑު އެހީތެރިއެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ރަޝިޔާގެ ރައީސް ވްލަދީމީރު ޕޫޓިން ވިދާޅުވެއްޖެ އެވެ.

ތުރުކުމެނިސްތާން ގައި ބޭއްވި ސަމިޓުގެ ހަވާސާގައި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޕޫޓިން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދަނީ އިތުރަށް ވަރުގަދަވަމުން ކަމަށާއި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އިރާނުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މައި އެއްބަސްވުމުގެ ދަށުން އިގްތިސާދީ އަދި ސްޓްރެޓެޖީކް ގުޅުންތައް ކުރިއަރަމުންދާ ކަން ފާހަގަކުރައްވައި، 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރި 21 އިންސައްތައަށްވުރެ އިތުރުވެ، 2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުވެސް އެ ކުރިއެރުން ދަމަހައްޓާފައިވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

އިރާނުގެ ރައީސް ޕެޒެޝްކިއާން ވަނީ އެމެރިކާއިން ތަކުރާރުކޮށް ހަމަލާދިން ނަމަވެސް، މަޝްވަރާގެ މޭޒުން އިރާނުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިރާނުން ވަނީ ސުލްހައިގެ އާ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އަދި އެމެރިކާއިން ހުށަހެޅި ކަންކަން މުރާޖައާކުރުމަށްފަހު، މެދުވެރިން މެދުވެރިކޮށް ވާހަކަތައް ކުރިއަށްގެންދިއުމަށް އިރާނުން އޮތީ ތައްޔާރަށެވެ.

މި ބައްދަލުވުން ބޭއްވިގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީސް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ހުރުމުޒު ކަނޑުއޮޅި އާ މެދު ބަޔާނެއް ނެރުއްވާފައިވަނިކޮށެވެ. ޓްރަމްޕް ވަނީ ނޮވެމްބަރު 3 ގައި އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން އިރާނަށް އަސްކަރީ ހަމަލާއެއް ނުދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހުރުމުޒު ކަނޑުއޮޅިން އިރާނުގެ ތެޔޮ އުފުލުން މަނާކޮށް، އެ ސަރަހައްދުގައި އޮތް ބްލޮކޭޑް ދެމިއޮންނާނެ ކަމަށާއި، އިރާނަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށް ޓްރަމްޕް ތަކުރާރުކުރެއްވިއެވެ.

ދެ ގައުމުގެ ވެރިންގެ މި ބައްދަލުވުމުގައި ހަކަތައާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ފުޅާކުރުމަށް އެއްބަސްވެވުނުއިރު، އދ އާއި ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ނޫސްވެރިންނާއި ޑިޕްލޮމެޓުންގެ ކުރިމަތީގައި ދެ ލީޑަރުން ވަނީ ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!