ބޭރުގެ ގައުމުތަކުގެ އާންމު ޚިޔާލަށް ނުފޫޒު ފޯރުވުމަށްޓަކައި، އޯޕަންއޭއައިގެ އާޓިފިޝަލް އިންޓެލިޖެންޓް (އޭއައި) ވަސީލަތްތައް ބޭނުންކޮށްގެން ރަޝިޔާއާއި އިރާނުން ހިންގަމުންދިޔަ ސިއްރު އޮޕަރޭޝަންތަކާ ގުޅުންހުރި އެކައުންޓްތަކެއް ބްލޮކްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އޯޕަންއޭއައިއިން ނެރުނު ބްލޮގް ޕޯސްޓެއްގައި ވާގޮތުން، މި އޮޕަރޭޝަންތަކުގައި ޒަމާނުއްސުރެން ނުފޫޒު ފޯރުވުމަށް ބޭނުންކުރަމުން އައި އުސޫލުތަކާއި އޭއައި ޓެކްނޮލޮޖީ އެއްކޮށްގެން ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ހަގީގަތާ ޚިލާފު ނޫސްވެރިންގެ ސިފަތަކާއި، ގާނޫނީ ގޮތުން ސައްހަކަމަށް ދައްކުވައިދޭ ރިސާޗް ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަގުވާމީ މަސްރަހާ ގުޅޭ ޚިޔާލުތައް ފަތުރާފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އިރާނާ ގުޅުންހުރި ކަމަށް ބެލެވޭ އޮޕަރޭޝަނުގައި، ފޭކު ނޫސްވެރިންގެ ހަތް އައިޑެންޓިޓީ ބޭނުންކޮށްގެން އޮންލައިން މީޑިއާއަށް ދިގު ރިޕޯޓުތަކާއި ލިޔުންތައް އުފައްދާދީފައިވެއެވެ. މިފަދަ ފަރާތްތަކުން ޗެޓްޖީޕީޓީ ބޭނުންކޮށްގެން ލިޔުންތައް އެޑިޓްކުރުމާއި، އެކި މީޑިއާގެ ސިޔާސަތުތަކަށް ފެތޭގޮތަށް ޑްރާފްޓްތައް ތައްޔާރުކުރުމުގެ އިތުރުން، އެޑިޓަރުންނަށް އީމެއިލް ކޮށްގެން ޚަބަރުތައް ވިއްކަން މަސައްކަތްކޮށްފައިވާ ކަމަށް އޯޕަންއޭއައިއިން ބުނެފައިވެއެވެ. މި ލިޔުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މެދުއިރުމަތީގެ މަސްރަހާއި ބައިނަލްއަގުވާމީ ސިޔާސަތުތަކަށެވެ. އަދި އެމެރިކާއަކީ އަނިޔާވެރިއެއްގެ ގޮތުގައި ދެއްކުމަށާއި އިސްރާއީލަކީ އިތުބާރު ނުކުރެވޭ ބައިވެރިއެއްގެ ގޮތުގައި ދައްކުވައިދިނުމަށް ފާރިސީ ބަހުންނާއި އަދި އިނގިރޭސި ބަހުން މީސް މީޑިއާގައި ކޮމެންޓްތައް އުފައްދާފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
ރަޝިޔާއާ ގުޅުންހުރި ކެމްޕޭންތައް އަމާޒުކޮށްފައިވަނީ ލެޓިން އެމެރިކާގެ ސަރަހައްދުތަކަށާއި، ޔުކްރޭންގެ އަގުވައްޓާލުމަށެވެ. މިގޮތުން "ސޯޝަލް ރިސާޗް ސެންޓަރު" ގެ ނަމުގައި ހަދާފައިވާ ޕްލެޓްފޯމެއް މެދުވެރިކޮށް، ސަރަހައްދީ މާހިރުންނާ އިންޓަވިއުކޮށްގެން ހަގީގަތާ ޚިލާފު ވާހަކަތަކާއި، ލިޔުންތަކާއި، އޯޑިއޯ ރެކޯޑިންތައް ފެތުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
އޯޕަންއޭއައިއިން ބުނިގޮތުގައި، ޒަމާނީ އޭއައި ވަސީލަތްތަކުގެ ސަބަބުން މިފަދަ ސިއްރު އޮޕަރޭޝަންތަކަށް ބޭނުންވާ ހަލުވިކަމާއި، ބަހުގެ އަދަބިއްޔާތު ވަރަށް ބޮޑަށް ފަސޭހަވެގެންދެއެވެ. މިފަދަ ކަންކަން ދެނެގަނެ، އެކަންކަމަށް ފިޔަވަޅު އެޅުމަށްޓަކައި އެ ކުންފުނިން ހޯދި ހޯދުންތައް ވަނީ ކަމާބެހޭ ފަރާތްތަކާއި ޖަމްއިއްޔާތަކާ ހިއްސާކޮށްފައެވެ.





