ހަނގުރާމައިގެ ހާލަތެއްގައި ވަސީލަތަތައް ރުކުރުވާލުމާ ބެހޭ އައު ސިޔާސަތެއް ޗައިނާއިން އިއުލާން ކޮށްފި

ޗައިނާގެ ގައުމީ ދިފާއީ ހާލަތެއްގައި ވަސީލަތްތއް ރުކުރުވާލުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެއް މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާއިރު، މި ބަދަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދުގެ ބޮޑު ބައެއް ހަނގުރާމައިގެ ހާލަތްތަކަށާއި ދިފާއީ ބޭނުންތަކަށް ސީދާ ގުޅިގެންދާ ގޮތަށް ސިޔާސަތުތައް ވަނީ ފަހިކޮށްފަައެވެ. މިއީ 2010 ވަނަ އަހަރު މި ގާނޫނު އުފެއްދިފަހުން ގެނައި އެންމެ ބޮޑު އަދި އެންމެ ފުޅާ ދާއިރާއެއްގެ އިސްލާހުތަކެވެ.

މި އާ ގާނޫނުގެ ދަށުން، ސިފައިންގެ ހަރަކާތްތަކަށް މަގުފަހިކުރުމަށްޓަކައި އާންމު އިގްތިސާދީ ގާބިލުކަން އަސްކަރީ ގާބިލުކަމަށް ބަދަލުކުރުމުގެ ހާލަތްތައް ކުރިއަށްވުރެ މާ ބޮޑަށް ފުޅާވެފައިވެއެވެ. އަދި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް ހިމެނޭހެން ގިނަ އަދަދެއްގެ މުއައްސަސާތައް އެފަދަ ހާލަތެއްގައި ސަރުކާރުގެ ބާރުގެދަށަށް ގެނެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ކުރިން މި ގާނޫނު ފަރުމާކޮށްފައި އޮތީ މައިގަނޑު ގޮތެއްގައި ތައިވާނުގެ މައްސަލައަށް އަމާޒުކޮށްގެން، ވަކިވެގަތުމުގެ މަސައްކަތްތަކަށް ރައްދުދިނުމުގެ ބޭނުމުގައެވެ. ނަމަވެސް، ފަހުގެ އިސްލާހުތަކާއެކު ވަސީލަތްތައް ރުކުރުވާލުމާ އިއުލާނުކުރެވޭނެ ހާލަތްތައް ވަނީ ހަނގުރާމައިގެ ހާލަތްތަކުން ބޭރުން، ސުލްހަވެރި ހާލަތްތަކުގައިވެސް ތަންފީޒުކުރެވޭ ފަދަ ގޮތަކަށް ފުޅާކޮށްފައެވެ. ޚާއްސަކޮށް، ގައުމީ ސިޔާދަތާއި، އެއްބައިވަންތަކަމާއި، ސަރަހައްދީ ނުރައްކާތަކުގެ އިތުރުން "ތަރައްގީގެ މަސްލަހަތު" ހިމާޔަތްކުރުމުގެ ނަމުގައި މި ގާނޫނު ބޭނުންކުރުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

ޗައިނާގެ ދިފާއީ ވުޒާރާ އިން ބުނާގޮތުގައި މި ގާނޫނަކީ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ ފަދަ އާންމު އުސޫލުތަކެކެވެ. ނަމަވެސް، ބައިނަލްއަގުވާމީ މާހިރުން ފާހަގަކުރާ ގޮތުގައި "ތަރައްގީގެ މަސްލަހަތު" ފަދަ ފުޅާ މާނައެއް އެކުލެވޭ އިބާރާތްތަކުގެ ސަބަބުން، މިސާލަކަށް މަލަކާ ކަނޑުއޮޅި ބަންދުވުން ނުވަތަ ދެކުނު ޗައިނާ ކަނޑުގެ ކަނޑުގެ ސަރަހައްދީ ނުތަނަވަސްކަމުގެ މައްސަލަތައް ފަދަ ކަންކަމުގައިވެސް އާންމު ވަސީލަތްތައް އަސްކަރީ ބޭނުންތަކަށް ނެގުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިގެންދެއެވެ.

މީގެއިތުރުން، އާ ގާނޫނުގެ 7 ވަނަ މާއްދާއިން ދިފާއީ ވަސީލަތތައް ރުކުރުވާލުމާ ގުޅުންހުރި ޑޭޓާތައް އެއްކޮށް ބޭނުންކުރުމަށް ދައުލަތަށް ބާރުދެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންޓް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ދިފާއީ ދާއިރާގައި ބޭނުންކުރުމަށް 8 ވަނަ މާއްދާގައި ބާރުއަޅާފައިވެއެވެ. މިއީ ސިފައިންނާއި ވިޔަފާރިތަކާ ދެމެދު އޮންނަ ހުރަސްތައް ނައްތާލައި، މުޅި ސިނާއަތް އެއް ނިޒާމެއްގެ ތެރެއަށް ވެއްދުމަށް ފަސޭހަ ކުރެވޭނެ ކަމެކެވެ.

މި ބަދަލުތަކުގެ ސަބަބުން ޗައިނާގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުގެ ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފައެވެ. ޓްރާންސްޕޯޓާއި، ޓެލެކޮމް، ހަކަތަ، އަދި ސިއްހީ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކެއް މި ގާނޫނުގެ ދަށަށް ފެތިގެންދާއިރު، ކުންފުނިތަކުން ވިޔަފާރީގެ ނިންމުންތައް ނިންމުމުގައި ޖިއޮޕޮލިޓިކަލް ނުރައްކާތަކަށް ބަލަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!