އެމެރިކާއާއެކު އުފެދިފައިވާ ހަނގުރާމައިގެ ނުރައްކާތަކާ ދެކޮޅަށް އިރާނުން އަސްކަރީ އަދި ދިފާއީ ފިޔަވަޅުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، މައްސަލައަށް ހައްލެއް ހޯދުމަށް އިރާނުން ތައްޔާރުކުރި ޚާއްސަ ހުށަހެޅުމެއް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން މެދުވެރިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވައިފިއެވެ.
ކްރެމްލިންއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއެކު ކުރެއްވި މަޝްވަރާތަކަށްފަހު، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ތެހެރާނުން ބޭނުންވާ ފުރިހަމަ ޑިޕްލޮމެޓިކް މަގުޗާޓު ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ޓްރަމްޕާ ހިއްސާކުރައްވާފައެވެ. މިއީ ސަރަހައްދީ ހަނގުރާމައެއް ފެށުނަ ނުދީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އިރާނުގެ ފުރިހަމަ ރުހުމާއެކު ކުރެވުނު މަސައްކަތެއް ކަމަށް ކްރެމްލިންއިން ފާހަގަކުރެއެވެ.
ނަމަވެސް، އިރާނުގެ ރައީސް ޕެޒެޝްކިއާން ވިދާޅުވީ އިރާނުގެ ރައްޔިތުންގެ މެސެޖަކީ ސާފު މެސެޖެއް ކަމަށާއި، ދުޝްމަނުންގެ އެއްވެސް އިންޒާރަކަށް އެ ގައުމުން ޖެހިލުންނުވާނެ ކަމަށެވެ. އިރާނުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުންނާއި ނޫސްވެރިން ފާހަގަކުރާ ގޮތުގައި، ތެހެރާނުން އެމެރިކާގެ ސިޔާސަތުތަކަށް އިތުބާރު ނުކުރެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވެދާނެ އަސްކަރީ ކުރިމަތިލުންތަކަށް އީރާނުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިރާނުން ދަނީ އާ ވައިގެ ދިފާއީ ނިޒާމުތައް ޓެސްޓުކޮށް، ސިފައިންގެ ގާބިލުކަން އިތުރުކުރަމުންނެވެ.
މީގެއިތުރުން، އިރާނުގެ ސިޓީތަކަށް ދެވޭ ހަމަލާތަކުން އާންމުން ރައްކާތެރިކުރުމުގެ ސްޓްރެޓެޖީގެ ދަށުން، ސިޓީތަކުގެ ތެރޭގައި ހުރި ތެޔޮ ރައްކާކުރާ ބޮޑެތި ތެޔޮ ތާންގީތައް ރައްކާތެރި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް އިރާނުގެ ނޭޝަނަލް ކްރައިސިސް މެނޭޖްމަންޓް އޯގަނައިޒޭޝަނުން ވަނީ ފަށާފައެވެ. އެ އޯގަނައިޒޭޝަނުން ބުނި ގޮތުގައި، ކުރިން މީހުން ނޫޅޭ ސަރަހައްދުތަކުގައި ހުރި މި ތާންގީތައް ސިޓީތަކުގެ ތެރެއަށް ފެތިގެންދިޔައީ އާބާދީ ބޮޑުވުމުގެ ސަބަބުންނެވެ. އަދި ދުޝްމަނުންގެ ހަމަލާތަކުގައި މީގެ ތެރެއިން ބައެއް ތާންގީތަކުގައި ރޯވެފައިވާތީ، އާންމުންގެ ސަލާމަތަށްޓަކައި އެ ތަކެތި ސިޓީތަކުން ބޭރަށް ބަދަލުކުރަން ވަނީ އަންގާފައެވެ.




