ޔަމަންގެ ޙޫޘީ ޖަމާއަތުން ސައޫދީ އަރަބިއްޔާއަށާއި ރެޑް ސީގައި ދަތުރުކުރާ އާގުބޯޓުތަކަށް ދޭ ހަމަލާތައް އަލުން ފެށުމާއެކު މެދުއިރުމަތީގެ ހާލަތު އަނެއްކާވެސް ނުރައްކާތެރި ހާލަތަކަށް ގޮސްފިއެވެ. އިރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، ރެޑް ސީގެ ކަނޑުގެ ދަތުރުފަތުރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ މާކެޓަށާއި ތެޔޮ އެކްސްޕޯޓުކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ޔަމަންގެ ހުޅަނގު އުތުރުގެ ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލްކުރާ ޙޫޘީން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރެޑް ސީގައި ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާ ދޭން ފެށީ އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ ޖެނޮސަައިޑް ހަނގުރާމައާ ދެކޮޅަށް ފަލަސްތީނުގެ ހައްގުގައި ކަމަށް ބުނެއެވެ. ނަމަވެސް، އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އިރާނުގެ ބައިވެރިއެއްގެ ގޮތުގައި ތިބި ޙޫޘީން ވަނީ މިއަހަރުގެ ތެރޭގައި ސައޫދީ އަރަބިއްޔާއަށާއި ކަނޑުގެ މަގުތަކަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.
1990 ގެ އަހަރުތަކުގައި ޔަމަންގެ އުތުރުން ޒައިދީ ޝީއީ މަޒުހަބު އާލާކުރުމަށް ފެށުނު މި ހަރަކާތް، 2011 ވަނަ އަހަރުގެ "އަރަބި ޒުވާނުންގެ ބަހާރު" މުޒާހަރާތަކުގައި އޭރުގެ ރައީސް އަލީ އަބްދުالله ސާލިހު ވެރިކަމުން ވައްޓާލުމާއެކު ވަނީ ވަރުގަދަ ސިޔާސީ އަދި އަސްކަރީ ބާރަކަށް ބަދަލުވެފައެވެ.
އިރާނުގެ އެހީތެރިކަމާއެކު އެ ޖަމާއަތުގެ ލީޑަރު އަބްދުލްމާލިކް އަލްޙޫޘީ ވަނީ ފަރުބަދަމަތީގެ ހަނގުރާމަވެރިންގެ ބާރު ފުޅާކޮށް، 2014 ވަނަ އަހަރު ވެރިރަށް ސަންޢާ ހިފައި، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ސަރުކާރު ދެކުނުގެ އަދަން ސިޓީ އަށް ފަހަތަށް ޖައްސާފައެވެ.
ޔަމަންގައި އިރާނުގެ ނުފޫޒު ބޮޑުވެ، ސަރަހައްދީ ހަމަޖެހުން ގެއްލިދާނެކަމުގެ ބިރު ބޮޑުވުމުން، 2015 ވަނަ އަހަރުގެ ކުރީކޮޅު ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން އަރަބި ކޯލިޝަނަކުން ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަނެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ އުފެދިގެން ދިޔައިރު، ޙޫޘީން ވަނީ ސައޫދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ) މުހިންމު ތެޔޮ ކާރުޚާނާތަކަށް ހަމަލާތަކެއް ދީފައެވެ. އެއަށްފަހު 2022 ވަނަ އަހަރު އދ އިން މެދުވެރިވެގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، މިއަހަރު އަލުން ހަމަލާތައް ވަނީ ފެށިފައެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އިރާނުން ދަނީ ޙޫޘީންނަށް މާލީ އަދި ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ޙޫޘީން ވަނީ އެއީ އިރާނުގެ ނުފޫޒުގެ ދަށުގައިވާ ބައެއް ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެމީހުން ބޭނުންކުރާ ހަތިޔާރުތަކަކީ އަމިއްލައަށް އުފައްދާ ހަތިޔާރު ކަމަށް ބުނެފައެވެ.






