އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ދިޔަ އިންޑިއާ މޮބައިލް ކޮންގްރެސް (އައިއެމްސީ) 2026ގައި، އިންޑިއާގެ މަޝްހޫރު ޓެލެކޮމް ކުންފުނި ކަމަށްވާ ރިލަޔަންސް ޖިއޯއިން ވަނީ 6ޖީ ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފުކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނިގެންދާނެކަމުގެ ޔަގީންކަން ދީފައެވެ.
އިންޑިއާގައި 2ޖީ، 3ޖީ އަދި 4ޖީ އިން 5ޖީ އަށް ބަދަލުވުމުގައި ހަލުވި ދުވެއްޔެއް ފެނިގެންދިޔަފަދައިން، ޔުނިފައިޑް ކޭޝް ޓްރާންސެކްޝަން (ޔޫޕީއައި) ފަދަ ނިޒާމުތައް ވަރުގަދަކުރުމަށް 6ޖީ އިން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޖިއޯއިން ފާހަގަކުރެއެވެ. އަމިއްލަ އުފެއްދުންތެރިކަމުގެ ޓެކްނޮލޮޖީގެ އެހީގައި 6ޖީ ޚިދުމަތް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މިހާތަނަށް 6ޖީ އާ ގުޅޭ 8,000 އަށްވުރެ ގިނަ ޕޭޓެންޓް ހުށަހަޅާފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޓެކްނޮލޮޖީގެ 934 އަށްވުރެ ގިނަ ކަންކަމަށް ހިއްސާ ކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އައިއެމްސީ 2026 ގެ ބައިވރިން ފާހަގަކުރާ ގޮތުގައި، 6ޖީ ނެޓްވޯކްތަކުގެ ޒަރީއާއިން މިހާރުގެ 5ޖީ ނެޓްވޯކްތަކަށްވުރެ ފަސްގުނަ އިތުރު ޑޭޓާ ކެޕޭސިޓީއެއް ލިބިގެންދާނެއެވެ. އަދި ޑޭޓާ ސްޕީޑު ސިކުންތަކު 100 ގިގަބިޓަށްވުރެ މައްޗަށް ގޮސް، 10 ބްލޫ-ރޭ ފެންވަރުގެ ފިލްމު އެންމެ ސިކުންތެއްގެ ތެރޭގައި ޑައ,ުލޯޑުކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މިފަދަ ޒަމާނީ ކުރިއެރުންތަކުގެ ސަބަބުން ރިއަލް ޓައިމް އޭއައި، ހޮލޮގްރަފިކް ވީޑިއޯ، އަދި ސިއްހީ އަދި ތައުލީމީ ދާއިރާތަކަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
މި ކޮންގްރެސްގައި ޖިއޯއިން ވަނީ އިންޑިއާގެ ފުރަތަމަ ގީގާ އެމްއައިއެމްއޯ ރޭޑިއޯއާއި، 5ޖީ އަދި 6ޖީ އަށް އެއްފަހަރާ އެއްބާރުލުންދެވޭ ބޭސްބޭންޑް ޔުނިޓެއް ދައްކާލާފައެވެ. ދަނޑުވެރިންނާއި، ޑޮކްޓަރުންނާއި، އަދި ދަރިވަރުންނަށް އަމާޒުކޮށްގެން އޭއައި ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ޖިއޯގެ އިސްވެރިން ވަނީ އަލިއަޅުވާލައްވާފައެވެ.
އަދިވެސް 6ޖީ ޚިދުމަތް ރަސްމީކޮށް ތައާރަފުކުރާނެ ސީދާ ތާރީޚެއް ޖިއޯއިން ހާމަކޮށްފައިނުވި ނަމަވެސް، 2028 ވަނަ އަހަރު ޓެސްޓުކުރުމުގެ މަސައްކަތް ފަށައި، 2029 އާއި 2030 އާ ދެމެދުގެ މުއްދަތެއްގައި ވިޔަފާރީގެ އުސޫލުން މި ޚިދުމަތް ފަށައިގަނެވޭނެ ކަމަށް އިންޑަސްޓްރީގެ މާހިރުން ލަފާކުރެއެވެ.



