ސޯނިއާ ގާނދީއާ ދެކޮޅަށް 50 އަހަރުވީ މައްސަލައެއް ބަލަން ފަށައިފި

އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކާ އެކު އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ސޯނިއާ ގާންދީއާ ދެކޮޅަށް މީގެ 50 އަހަރު ކުރީގެ މައްސަލައެއް ބަލަން ފަށައިފިއެވެ. މި މައްސަލައަކީ އިންޑިއާގެ ރައްޔިތަކަށް ވުމުގެ ކުރިން 1980 ވަނަ އަހަރު ވޯޓަރުންގެ ލިސްޓުގައި ސޯނިއާގެ ނަން ހިމެނި މައްސަލައާ ގުޅޭ ޝަކުވާ އެކެވެ.

ކޯޓުން މި މައްސަލަ އަލުން ބެލުމަށް އެޑިޝަނަލް ޗީފް ޖުޑީޝިއަލް މެޖިސްޓްރޭޓް ނިންމާފައިވަނީ، ސޯނިއާ ގާންދީއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ނުހިންގުމަށް ކުރިން މެޖިސްޓްރޭޓް ނިންމި މައްސަލަ ސެޝަންސް ކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ.

ޕާލަމެންޓްގެ މެމްބަރުންނާއި ސަރަހައްދީ ގާނޫނު ހަދާ މަޖިލިސްތަކުގެ އެމްއެލްއޭއިންގެ މައްސަލަތައް ބައްލަވާ ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުން އޮކްޓޯބަރު 28 ވަނަ ދުވަހަށް ތާވަލު ކޮށްފައެވެ.

ސެޝަންސް ކޯޓުގެ ސްޕެޝަލް ޖަޖް ވިޝާލް ގޮގްނޭ ސެޕްޓެމްބަރު 21 ގައި ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ، މީގެ ކުރިން ކޯޓުން މައްސަލަ ބޭރުކޮށްލާފައިވަނީ ސަބަބުތައް ސަރީހަކޮށް ބަޔާންކުރުމެއް ނެތި، އަދި ކަނޑައެޅިގެން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ގާނޫނީގޮތުން ސައްހަ އަމުރެއް ނޫން ކަމަށް ސެޝަންސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލު ވިކާސް ޓްރިޕާތީ ތުހުމަތު ކުރައްވާ ގޮތުގައި، ސޯނިއާ ގާންދީ އިންޑިއާގެ ރައްޔިތަކަށް ވެވަޑައިގެންނެވީ 1983 ވަނަ އަހަރުގެ އެޕްރީލ މަހުގައެވެ. ނަމަވެސް، އޭގެ ތިން އަހަރު ކުރިން، 1980 ވަނަ އަހަރު، ނިއުދިއްލީގެ ސަފްދަރުޖަންގް ރޯޑުގައި ހުންނަ އެކަމަނާގެ ރެސިޑެންޝިއަލް އެޑްރެހުގައި ވޯޓަރުންގެ ލިސްޓުގައި ނަން ވަނީ ހިމަނާފައެވެ. އެއަށްފަހު 1982 ގައި ނަން އުނިކުރުމަށްފަހު، އަލުން 1983 ގައި ވަނީ ނަން ހިމަނާފައެވެ. ސެޝަންސް ކޯޓުން ފާހަގަކުރި ގޮތުގައި ވޯޓަރުންގެ ލިސްޓަކީ ހަމައެކަނި އިންޑިއާގެ ރައްޔިތުންނަށް ޚާއްސަ ލިސްޓެކެވެ.

ސެޝަންސް ކޯޓުން އަމުރުކޮށްފައިވަނީ، މެޖިސްޓްރޭޓް ކޯޓުން އަމިއްލައަށް ގޮތެއް ނިންމުމުގެ ކުރިން މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ފުލުހުންގެ އޮފިޝަލެއްގެ އަޑުއެހުމަށްފަހު، ފުލުހުންގެ ކިބައިން ހާދިސާގެ ރިޕޯޓެއް ހޯދުމަށެވެ. އަދި އޭގެ ފަހުން ސަބަބު ސަރީހަކޮށް ބަޔާންކޮށް އާ އަމުރެއް ނެރުމަށް ސެޝަންސް ކޯޓުން ވަނީ އަންގާފައެވެ.

ހިއްސާ ކުރައްވާ!