ދިވެހިރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައި ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ޚާއްޞަ ބަޔާނެއްގައި މިކަން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައެވެ.
ސަރުކާރުން ނެރުއްވި މި ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެކެވެ. އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު، ދިވެހިރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ސަރަޙައްދެއްގައި އޮތް ޖަޒީރާ ޤައުމެކެވެ. ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މަގުތަކަކަށް ވާތީ، މި ސަރަޙައްދުގެ އަމާންކަން ދެމެހެއްޓުމަކީ މުޅި ދުނިޔެއަށާއި ސަރަޙައްދުގެ ހަމަޖެހުމަށް ވެސް ލިބޭ ބޮޑު ޚިދުމަތެއްކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ސިޔާސަތާ ގުޅޭގޮތުން އިތުރަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމުގައެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ސަރަޙައްދުގެ ސަލާމަތާއި މަސްރަހަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ވީމާ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ ސިފައިންގެ ނުވަތަ އެނޫންވެސް ބެލެހެއްޓުން ބާރަކަށް ސަރުކާރުން ނުދޭނެ ކަމަށާއި، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.



