ސަޢުދީ ޢަރަބިއްޔާގެ ސަލާމަތަށް ފުރިހަމައަށް އެއްބާރުލުން ދޭން މިޞްރުގެ ޤައުމީ ދިފާޢީ މަޖިލީހުން ނިންމައިފި

ސަޢުދީ ޢަރަބިއްޔާގެ ސަލާމަތާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އެ ޤައުމަށް ބޭނުންވާ އެންމެހައި އަސްކަރީ އަދި ސިޔާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިޞްރުގެ ޤައުމީ ދިފާޢީ މަޖިލީހުން ނިންމައިފިއެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީގެ ރިޔާސަތުގައި ޤާހިރާގެ ޤަޞްރުލްއިއްތިޙާދިއްޔާގައި ބޭއްވެވި މި ޚާއްޞަ މަޝްވަރާ ބައްދަލުވުމަކީ، މަސްރަޙު ނުތަނަވަސްވެ ސަރަޙައްދީ އިންޒާރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

މި މަޖިލީހުގެ ނިންމުންތަކާ ގުޅިގެން، މިހާރު ކުރިއަށްދާ ޤާނޫނު ހަދާ މަޖިލީހުގެ ކުއްލި ޖަލްސާތަކުގައި ދަނީ ސަޢުދީ ޢަރަބިއްޔާ ދިފާޢުކުރުމަށް އަސްކަރީ ބާރުތައް ފޮނުވުމާ މެދު މަޝްވަރާކުރަމުންނެވެ. ޤާނޫނުއަސާސީގެ ދަށުން ބޭރު ޤައުމުތަކަށް ސިފައިން ފޮނުވުމަށްޓަކައި ޤައުމީ ދިފާޢީ މަޖިލީހުގެ މަޝްވަރާއާއެކު މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ބޭނުން ވެއެވެ. މިސްރުގެ ސިޔާސީ ޕާޓީތަކުން ވަނީ މިކަމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

މި ހަފުތާގެ ކުރީކޮޅު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސީސީ ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަލާމަތަށް ލިބޭ ކޮންމެ ނުރައްކަލަކީ މިޞްރުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙުދު އަމީރު މުޙައްމަދު ބިން ސަލްމާނާ އެކު ބޭއްވެވި މަޝްވަރާތަކަށްފަހު، ޤައުމީ މަސްލަޙަތު ޙިމާޔަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ސީސީ ވިދާޅުވިއެވެ.

މިހާރުގެ ހަމަނުޖެހުންތަކާ  ގުޅިގެން، ނުތަނަވަސްކަން ކުޑަކުރުމަށާއި ސިޔާސީ މަޝްވަރާތައް މެދުވެރިކޮށް މައްސަލަތައް ޙައްލުކުރުމަށް މިޞްރުގެ ޚާރިޖީ ވުޒާރާއިން ދަނީ މަސައްކަތްތައް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން، މިޞްރުގެ ޚާރިޖީ ވަޒީރު ވަނީ ސަޢުދީ ޚާރިޖީ ވަޒީރާ ފޯނުން ގުޅުއްވައި، ސަރަޙައްދުގެ ހަމަޖެހުން ޤާއިމުކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ހިއްސާ ކުރައްވާ!