ޓްރަމްޕް ގެ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ އެކި ގައުމުތަކުގައި ދިރިއުޅުމުގެ ޚަރަދުބަރަދު އިންތިހާއަށް ބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، އަދި އަސާސީ ޚިދުމަތްތައް ދަށްވުމާ ގުޅިގެން އާންމުންގެ ނުރުހުން އުފެދި، ބޮޑެތި މުޒާހަރާތަކެއް ފެށިއްޖެއެވެ. މި ހަނގުރާމަފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ސަރުކާރުތަކަށް ވަނީ ބޮޑެތި ސިޔާސީ އަދި އަމްނާ ބެހޭ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި ފްރާންސް، އިޓާލީ، ޕޯޗުގަލް އަދި އަލްބޭނިއާ ފަދަ ގިނަ ގައުމުތަކެއްގައި ކުރިއަށްދާ މި މުޒާހަރާތައް ވަނީ ބައެއް ހިސާބުތަކުގައި ހަމަނުޖެހުންތަކާއި، އިމާރާތްތަކުގައި އަލިފާން ރޯކުރުމާއި އަދި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކަކަށް ބަދަލުވެފައެވެ. މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުންދަނީ ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށާއި، އުޖޫރަ ބޮޑުކުރުމަށާއި، އަދި ރައްޔިތުންނަށް ދިރިއުޅެވޭފަދަ އަގުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.
މި ހަރަކާތްތަކުގެ އެންމެ ކުރީގައި އޮތް ފްރާންސްގައި، ސްކޫލް ކުދިންގެ ހައްގުތަކުން ފެށިގެންގޮސް މުދަލުގެ އަގު އުފުލުމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ފަސްލައްކައާއި އަށްލައްކައާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވިއެވެ. ބައެއް ސަރަހައްދުތަކުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ކަރުނަ ގޭސް އާއި ފެން ބަޑި ބޭނުންކޮށްފައެވެ. ފްރާންސްގެ ރައީސް މެކްރޮނާ ވަނީ މިފަދަ ހާދިސާތަކުން އިބުރަތް ހޯދައި، ސަމާލުވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.
އިޓާލީގެ މިލާނޯގައި ކުރިއަށްދިޔަ މުޒާހަރާއެއް ހަމަނުޖެހުމަށް ބަދަލުވެ، ފުލުހުންނަށް އަމާޒުކޮށް ހިލަ އާއި ނުރައްކާތެރި ތަކެތި އުކާފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން ބޮޑުވަޒީރު މެލޯނީ ވަނީ ހަމަނުޖެހުންތައް ކުށްވެރިކުރައްވައި، ސުލްހަވެރިކަމާއެކު ޚިޔާލުފާޅުކުރުމުގެ ހައްގު އޮތް ނަމަވެސް، ގައުމުގެ އަމަންއ,ާންމު ނަގާލުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
ޕޯޗުގަލްގެ ލިޒްބަންގައި ރައްޔިތުން ވަނީ ބޯހިޔާވަހިކަމުގެ އަގު ބޮޑުވުމާ ދެކޮޅަށް މަގުތަކަށް ނުކުމެ، ސަރަހައްދީ ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ. އަދި އަލްބޭނިއާގައި ޒުވާނުންނާއި ދަރިވަރުން އިސްނަގައިގެން ބޮޑުވަޒީރު އެޑީ ރާމާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި، ކޮރަޕްޝަނާއި އިގުތިސާދީ ދަތިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދަނީ ގޮވާލަމުންނެވެ.
މި ހުރިހާކަމަކާ ގުޅިގެން ބެލްޖިއަމް ފަދަ ގައުމުތަކުން ވަނީ، މުސްތަގުބަލުގައި ކުރިމަތިވެދާނެ މިފަދަ ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށްޓަކައި ޚާއްސަ ސެކިއުރިޓީ ނުވަތަ ޑިފެންސް ރިޒާވް އުފެއްދުމާ މެދު މަޝްވަރާތައް ފަށާފައެވެ. ބައިނަލްއަގުވާމީ މާހިރުން ފާހަގަކުރާ ގޮތުގައި، ޔޫރަޕްގެ ސަރުކާރުތަކުން ހަމައެކަނި ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން މި މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ އަސާސީ ބޭނުންތަކާއި އިގުތިސާދީ ދަތިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.






