އެމެރިކާއިން 3 ލައްކަ އަށްވުރެ ގިނަ ވިސާ ބާތިލުކޮށްފި؛ އިމިގްރޭޝަން ފިޔަވަޅުތައް ހަރުކަށިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގުމަށް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 3 ލައްކަ އަށްވުރެ ގިނަ އެންޓްރީ ވިސާ ބާތިލުކޮށްފިއެވެ. މިއީ އެމެރިކާގެ ފެޑެރަލް ސަރުކާރުން އިމިގްރޭޝަން ނިޒާމު ހަރުކަށިކުރުމަށް ފަށާފައިވާ ހަރަކާތުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި މަދު ހަފުތާތަކެއްގެ ތެރޭގައި ވިސާ ބާތިލުކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. މީގެ ކުރިން، އޮގަސްޓް 10 ގައި އާންމުކުރި އަދާހަމައިގައިވާ ގޮތުން، ޓްރަމްޕްގެ މި ދައުރު ފެށުނު ފަހުން ބާތިލުކޮށްފައިވަނީ 175,000 އަށްވުރެ ގިނަ ވިސާއެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތޯމީ ޕިގޮޓް މީސް މީޑިއާ އެކްސްގައި ކުރެއްވި ޕސްޓެއްގައި ވިދާޅުވީ، ތާރީޚުގައިވެސް އެހެން އެއްވެސް ސަރުކާރަކުން ވިސާ ބާތިލުނުކުރާ ހާ އަވަސްމިނެއްގައި ޓްރަމްޕްގެ ސަރުކާރުން ދަނީ ވިސާތައް ބާތިލުކުރަމުންނެވެ. އަދި ވިސާގައި އެމެރިކާގައި ތިބެ ގާނޫނާ ޚިލާފުވާ، މަކަރާއި ހީލަތް ހަދާ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުގައި އިމިގްރޭޝަން ފިޔަވަޅުތައް ހަރުކަށިކޮށް، ގައުމުން މީހުން ފޮނުވާލުމުގެ މައިގަނޑު ބޭނުމަކީ އެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނަމުންދަނީ މި ހަރަކާތްތަކުގެ ސަބަބުން ގާނޫނީ އިޖުރާއަތްތަކަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، ޚާއްސަކޮށް ހުދު ނަސްލު ނޫން މީހުންނަށް ރައްކާތެރިކަން ގެއްލެމުންދާ ކަމަށެވެ.

ޚާއްސަކޮށް، ޣައްޒާ އަދި ހުޅަނގު އައްސޭރި އަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާ ތަކާ ދެކޮޅަށް މުޒާހަރާކުރި ބޭރު ގައުމުތަކުގެ ދަރިވަރުންނާއި، ކޮންސަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކް މަރާލުމާ ގުޅިގެން މީސް މީޑިއާ ގައި ޚިޔާލު ފާޅުކުރި ބޭރު މީހުންގެ ވިސާ ބާތިލުކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ވަރަށް ބޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިއްސާ ކުރައްވާ!