އިނގިރޭސިވިލާތުގެ ދެކުނު އައްސޭރިފަށުގެ ރަށެއް ކަމަށްވާ ބްރައިޓަންގެ އެންމެ އާސާރީ އަދި މަޝްހޫރު އެއް ބިނާ ކަމަށްވާ "ވެސްޓް ޕިއާ" ގެ ތާރީޚީ ފާލަންގެ ބޮޑު ބައެއް، އެ ސަރަޙައްދަށް ޖެހެމުންދާ ބާރުގަދަ ވައިގެ އަސަރާއި ބޮޑެތި ރާޅުތަކުގެ ސަބަބުން ކަނޑަށް ވެއްޓިގެން ހިނގައްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ދެކުނާއި އިރުމަތީގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ "ތޫފާން އޮސްޓެން" ގެ ބާރުގަދަ ވަޔާއި ވިއްސާރައިގެ ތެރޭގައެވެ. ބީބީސީއަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކަނޑުގެ ބާރުގަދަ ރާޅުތައް އައިސް ފާލަމުގައި ޖެހެމުންދިޔަ ވަގުތު، އެ އާސާރީ އޮނިގަނޑުގެ ބައެއް ބިންދައިގެން ގޮސް ކަނޑާށް ވަނީ ވެއްޓިފައެވެ.
މި މަންޒަރު ވީޑިއޯ ކުރި ސައިމަން ހަފެންޑެން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ބޮޑު ރާޅެއް އައިސް ފާލަމުގައި ޖެހުނު ވަގުތު އެންމެ ފުރަތަމަ އިވުނީ ބާރުގަދަ އަޑެއް ކަމަށާއި، އެއާޢެކު މުޅި ސަރަޙައްދު ގުގުމައިގެން ދިޔަ އަޑާއެކު ފާލަމުގެ ބައެއް ކަނޑަށް ވެއްޓުނު ކަމަށެވެ. މިއީ ވަރަށް ހައިރާންކުރުވަނިވި އަދި ކަންބޮޑުވާންޖެހޭ މަންޒަރެއް ކަމަށާއި، ވީޑިއޯ ކުރެވުމަކީ ލިބުނު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ބްރައިޓަންގައި ދިރިއުޅޭތާ 16 އަހަރުވެފައިވާ ހަފެންޑެން ބުނި ގޮތުގައި، އެ ސަރަޙައްދުގެ އެންމެ ޚާއްސަ ރަމްޒީ ބިނާގެ ބައެއް މަދުވެގެން ދިއުމަކީ ވަރަށް ދެރަ ކަމެކެވެ.
އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި ތޫފާނުގެ ސަބަބުން އިނގިރޭސިވިލާތުގެ އެކި ސަރަޙައްދުތަކުން އެތައް ހާސް ގެއަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އަދި ދަތުރުފަތުރަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
އާންމުންގެ ބޮޑު ތަރުޙީބެއް މީގެ ކުރިން ލިބުނު 'ވެސްޓް ޕިއާ' އެންމެ ފުރަތަމަ ހުޅުވާފައިވަނީ 1866 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 1916 ވަނަ އަހަރު އެ ފާލަމުގައި ކޮންސަޓް ހޯލެއްވެސް ބިނާކުރެވުނެވެ. އެ ބިނާގެ އެންމެ މަޤްބޫލު ދުވަސްވަރު އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އެ ތަނަށް ޒިޔާރަތްކުރިއެވެ. ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެ ތަނުގެ މަޤްބޫލުކަން ދަށަށް ގޮސް، އާމްދަނީ ދަށްވުމުގެ ސަބަބުން 1975 ވަނަ އަހަރު އާންމުންނަށް ވަނީ ބަންދުކޮށްފައެވެ.
އޭގެ ފަހުން އަޅާނުލެވި ދޫކޮށްލެވިފައި ހުރުމުގެ ސަބަބުން އެ އިމާރާތް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެކަމަކުވެސް، އެ ބިނާއަކީ ބްރައިޓަންގެ އައްސޭރިފަށުގެ އެންމެ މުހިންމު ރަމްޒުގެ ގޮތުގައި އާންމުން ދެކޭ ތަނެކެވެ. 2002 ވަނަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ތޫފާނެއްގައިވެސް މި ފާލަމުގެ ބޮޑު ބައެއް ކަނޑަށް ވެއްޓުނެވެ. އަދި ޖެހިގެން އައި 2003 ވަނަ އަހަރު ހިނގި އަލިފާނުގެ ދެ ހާދިސާއެއްގައި އެ ތަނުގެ ބޮޑު ބައެއް އަނދައިގެން ދިޔައެވެ.
އިނގިރޭސިވިލާތުގެ އާސާރީ ތަންތަން ބަލަހައްޓާ "އިންގްލިޝް ހެރިޓޭޖް" އިން އޭރުވެސް ނިންމާފައިވަނީ އެ ފާލަމަކީ އަލުން މަރާމާތު ކުރެވޭވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ ތަނެއް ކަމަށެވެ.




