އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތަކާއި ދެކޮޅު ނުޖެހޭ އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ ބައިވެރިންގެ މެދުގައި ވޮޝިންޓަނަށް އޮތް އިތުބާރު ކުޑަވެ، ގައުމީ ސަލާމަތާއި ދިފާއީ ކަންކަމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފި ކަމަށް މަޝްހޫރު ނޫސްވެރިޔާ އަދި ސިޔާސީ މާހިރު ފަރީދު ޒަކަރިއްއާ ބުނެފިއެވެ.
ސީއެންއެންގެ "ޖީޕީއެސް" ޕްރޮގްރާމް ގައި ވާހަކަދައްކަމުން ޒަކަރިއްއާ ފާހަގަކުރި ގޮތުގައި، ކެނެޑާއާ ދެކޮޅަށް އެމެރިކާއިން އިމްޕޯޓް ޓެރިފްތައް ނަގަން ނިންމި ނިންމުމާއެކު ދެގައުމުގެ ވިޔަފާރި އެއްބަސްވުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެއިތުރުން، ނޭޓޯގެ ބައިވެރިން ދިފާއުކުރުމާ މެދު ޓްރަމްޕް ފާޅުކުރެއްވި ޝައްކުތަކާއި، ނިއުދިއްލީ އާއެކު އޮތް ދިގު މުއްދަތުގެ ގުޅުމުގެ ބަދަލުގައި ޕާކިސްތާނާއެކު ގުޅުން ބަދަހިކުރަން ފެށުމުން، ވިލާތުން ފެށިގެން އިންޑިއާއާ ހަމައަށް އެމެރިކާގެ އިތުބާރު ވަނީ ކުޑަވެފައެވެ. ޓްރަމްޕްގެ މައިގަނޑު އަމާޒަކީ މުއްސަނދި ގައުމުތަކުން އަމިއްލަ ދިފާއަށް ޚަރަދުކުރުން ކަމަށް ބުނި ކަމުގައި ވިޔަސް، މީގެ އަމަލީ ނަތީޖާއަކީ އެމެރިކާގެ ރައްކާތެރިކަމުގެ ޔަގީންކަމާމެދު ސުވާލުއުފެދުމެވެ.
އިންޑިއާގެ މަސްރަހު ގައި ފެންމަތިވި މައްސަލަތަކަށް ބަލާއިރު، އިލޮން މަސްކް ގެ ސްޓާލިންކް ޚިދުމަތް އިންޑިއާގައި ފެށުން ލަސްވުމާ ގުޅިގެން، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ހިމާޔަތްކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ ކުރި ތުހުމަތުތަކަށް އިންޑިއާއިން ވަނީ ރައްދުދީފައެވެ. އިންޑިއާގެ ވެރިކަން ކުރާ ޕާޓީއާ ގުޅުންހުރި ގައުމީ ޖަމާއަތްތަކުން ވަނީ ގައުމީ ސަލާމަތަށްޓަކައި ސްޓާލިންކް އެތެރެވުން ހުއްޓުވުމަށް ގޮވާލާފައެވެ. މިއީ ޔުކްރޭން ގައި ސްޓާލިންކް ބޭނުންކުރުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކާއި، ޕާކިސްތާނަށް އެމެރިކާއިން ދޭ ތާއީދާއެކު އިންޑިއާގެ މީޑިއާއާއި މީސް މީޑިއާ ގައި އެމެރިކާއާ މެދު އުފެދުނު ނުރުހުމުގެ ތެރޭން ފެނުނު ކަމެކެވެ.
މި ކަންކަމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށް ސްޓްރެޓެޖީ ތައް ބަދަލުކުރަމުންނެވެ. އެގޮތުން:
- ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ ޗައިނާއާއެކު ވިޔަފާރި ގުޅުން ބަދަހިކޮށް، ވިލާތުގެ ދިފާއީ މާލީ ނިޒާމުތަކުގައި ބައިވެރިވާން ފަށާފައެވެ.
- މެދުއިރުމަތީގެ މަސްރަހު ގައި ސޫދީ އަރަބިއްޔާއިން ވަނީ ތުރުކީއާއި ނިއުކްލިއާ ބާރު އޮތް ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
- އިރާނުން ދިން ހަމަލާތަކަށްފަހު، އެމެރިކާގެ ސިފައިން ތިބޭ ބޭސްތައް އަރަބި ގައުމުތަކުގައި ބެހެއްޓުމުން ރައްކާތެރިތޯ އަހައި ގަލްފުގެ ގައުމުތަކުން ދަނީ ސުވާލުއުފައްދަމުންނެވެ.
- ސައުތު ކޮރެއާއާއި ޖަޕާނުގައި އެމެރިކާއަށް އޮތް ތާއީދު ހީނަރު ވެފައި ވެއެވެ.
- ފްރާންސާއި ޖަރުމަނުން ވަނީ ގުޅިގެން ނިއުކްލިއާ ދިފާއީ ބާރުތަކާ މެދު މަޝްވަރާތައް ފަށާފައެވެ.
މުހައްލިލު ފަރީދު ޒަކަރިއްޔާ އިންޒާރު ދޭ ގޮތުގައި، މި ސިޔާސަތުތަކުގެ އެންމެ ނުރައްކާތެރި ނަތީޖާއަކީ ގައުމުތަކުން އަމިއްލައަށް ނިއުކްލިއާ ހަތިޔާރު އުފައްދަން ފެށުމެވެ. ސައުތު ކޮރެއާގެ 65 އިންސައްތަ ރައްޔިތުން އަމިއްލަ ނިއުކްލިއާ ހަތިޔާރު ބޭނުންވާ ކަމަށް ބުނެފައިވާއިރު، ސޫދީ އަރަބިއްޔާއިންވެސް ވަނީ އެ ފުރުސަތު ބަންދު ނުކުރާ ކަމަށް ބުނެފައެވެ. އެމެރިކާގެ ނިއުކްލިއާ ހިމާޔަތާއެކު އޮތް އިތުބާރު ގެއްލުމުން، ކުރިއަށް އޮތް ތަނުގައި ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ގައުމުތައް އިތުރުވެ، ދުނިޔޭގެ އަމަންއާމަންކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެއެވެ.






