އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ މިޑްޓަރމް އިންތިޚާބުގައި އިގްތިސާދީ ނުތަނަވަސްކަމާއި އިންފްލޭޝަނާ މެދު އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދާނެ ކަމަށް ސީބީއެސް ނިއުސްއިން ކުރިއަށްގެންދިޔަ ޚިޔާލު ހޯދުމުން ދައްކައިފިއެވެ.
ސީބީއެސް ނިއުސްއާއި ޔޫގަވް ގުޅިގެން ކުރިއަށްގެންދިޔަ މި ސަރވޭން ދައްކާ ގޮތުގައި، ޑިމޮކްރެޓުން ވަނީ ކޮންގްރެސްގެ ތިރިގެއިން 229 ގޮނޑި ކަށަވަރުކުރާނެ އެވެ. އަދި އިންތިޚާބުގެ ނަތީޖާ އަންނަ ގޮތުން ޑިމޮކްރެޓުންގެ ގޮނޑިތަކުގެ އަދަދު 230 އަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުއިރު، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް މަޖިލީހުގެ ކޮންޓްރޯލް ދެމެހެއްޓުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ނަމަވެސް، ޑިމޮކްރެޓުން ކުރީގައި އޮތް ކަމުގައި ވިޔަސް، މިއީ ވަކި ޕާޓީއަކަށް އޮތް ބޮޑު ތާއީދުގެ ސަބަބުން އައި ބަދަލެއް ނޫން ކަމަށް ސީބީއެސްއިން ބުނެއެވެ.
އޮކްޓޯބަރު 21 އިން 23 އަށް އެމެރިކާގެ 2,355 އާންމުންގެ މެދުގައި ކުރިއަށްގެންދިޔަ މި ސަރވޭއިން ހާމަވި ގޮތުގައި، ދެ ޕާޓީގެ ސަޕޯޓަރުންވެސް ވޯޓުލުމަށް ނުކުންނަ މައިގަނޑު ސަބަބަކީ އަނެއް ޕާޓީއަށް ބާރުތައް ލިބުނަ ނުދިނުމެވެ. ހާއްސަކޮށް، ޑިމޮކްރެޓިކް ޕާޓީއަށް ވޯޓުދޭ 70 އިންސައްތައަށްވުރެ ގިނަ މީހުން ބުނެފައިވަނީ އެ މީހުންގެ ވޯޓަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް ދޭ ވޯޓެއް ކަމަށެވެ. އަނެއްކޮޅުން، ރިޕަބްލިކަން ސަޕޯޓަރުންގެ މައިގަނޑު އަމާޒަކީ ޓްރަމްޕަށް ތާއީދުކުރުމެވެ.
އިގްތިސާދީ މަސްރަހު އޮތް ގޮތުން، ވޯޓުލާ ގިނަ މީހުން ގަބޫލުކުރަނީ ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އެ މީހުންގެ މާލީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އިންފްލޭޝަނާއި ތެލުގެ އަގުތައް އުފުލުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކުގެ ތާއީދު ބޮޑަށް އޮތީ ޑިމޮކްރެޓުންނަށެވެ. ނަމަވެސް، ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއަކުން އިގްތިސާދު ރަނގަޅުކުރުމަށް ސާފު ސްޓްރެޓެޖީ އެއް ގެންގުޅޭ ކަމަށް އާންމުންގެ ބޮޑު އަޣުލަބިއްޔަތަކުން ގަބޫލެއް ނުކުރެއެވެ.
ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝނުގެ މައްސަލައަކީވެސް ވޯޓުލާ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ. ރިޕަބްލިކަން ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ކޮރަޕްޝަން އިތުރުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ދެ ޕާޓީގެ ސަޕޯޓަރުންވެސް ވަނީ ކޮރަޕްޝނާ ދެކޮޅަށް ފިޔަވަޅުުެއެޅުމަކީ ވޯޓުދިނުމުގައި ބަލާނެ މުހިންމު ކަމެއް ކަމަށް ބުނެފައެވެ.
އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ގޮތެއް ކަނޑައެޅުމުގައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ދައުރެއް އަދާކުރާނެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ގިނަ ސަޕޯޓަރުން ވަނީ ކުރިއާލައި ވޯޓުލާފައި ނުވަތަ ވޯޓުލާނެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ވޯޓުލުމާ މެދު ވަކިގޮތެއް ނުނިންމައި ތިބި މީހުންގެ ތެރޭގައި ރިޕަބްލިކަން ފިކުރުގެ މީހުން ގިނަވުމުން، އިންތިޚާބު ބާއްވާ ދުވަހު ނުކުންނަ މީހުންގެ އަދަދުން ނަތީޖާއަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.






