ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާއަށް ބާރުއެޅުމަށް އިންޑިއާގެ ކިބައިން ޕޮލެންޑުން އެދިއްޖެ

ޔުކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މޮސްކޯއާ އެކު އޮތް ގާތް ގުޅުން ބޭނުންކޮށްގެން ސުލްހައަށް މަގުފަހިކޮށްދިނުމަށް އިންޑިއާގެ ކިބައިން ޕޮލެންޑުން އެދިއްޖެއެވެ. ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ނިއުދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާއަކީ އުއްމީދުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައި ސިފަކުރައްވައި، ދެ ގައުމުގެ މަޝްވަރާތައް ސުލްހަ ގާއިމް ކޮށްދިނުމަށް އެދި އަމާޒު ކުރެއްވިއެވެ.

ޔުކްރޭނާ އެންމެ ކައިރީގައި އޮތް އަދި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ޔުކްރޭނަށް އެއްބާރުލުން ދެމުން އަންނަ ޕޮލެންޑަށް މި ހަނގުރާމަ ހުއްޓުމަކީ ބޭނުންތެރި ކަމެކެވެ. ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޕޮލެންޑަށްވެސް ގެއްލުން ލިބެއެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޔޫރަޕުގެ ގައުމުތަކުން ގޮވާލަމުންދާއިރު، ރަޝިޔާގެ ރައީސް ޕޫޓިންއާ އެކު އިންޑިއާއަށް އޮތް ސިޔާސީ މަގާމުގެ ބޭނުން ހިފައިގެން، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް އިންޑިއާއަށް ދައުރުއަދާކުރެވިދާނެ ކަމަށް ޔޫރަޕުން ގަބޫލުކުރެއެވެ.

ނަމަވެސް، ޑިޕްލޮމެޓިކް ދާއިރާތަކުން ފާހަގަކުރާ ގޮތުގައި، މޮސްކޯއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ރަޝިޔާ ސިފައިންގެ އަމަލުތަކަށާއި ރައީސް ޕޫޓިންގެ ނިންމުންތަކަށް ސީދާ ނުފޫޒު ފޯރުވޭނެ ވަސީލަތެއް ނޫނެވެ. އިންޑިއާގެ ކުރީގެ ސަފީރު އަނިލް ވުދްވާ ވިދާޅުވި ގޮތުގައި، ޔޫރަޕުގެ ޕްރެޝަރަށްޓަކައި އިންޑިއާއިން އަމިއްލަ ގައުމީ މަސްލަހަތު ގުރުބާނެއް ނުކުރާނެއެވެ. އިންޑިއާއިން ވަނީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާނުވެ، ރަޝިޔާއާ އެކު އޮތް ސިޔާސީ އަދި ދިފާއީ ގުޅުންތައް ދަމަހައްޓައި، ޑިޕްލޮމެޓިކް މަޝްވަރާތަކަށް ގޮވާލާފައެވެ. އިންޑިއާއަށް ހަނގުރާމަ ހުއްޓުވުމުގެ ޔަގީން ކަމެއް ނުދެވުނު ނަމަވެސް، މަސްރަހު ފިނިކޮށް، ސުލްހައިގެ މޭޒުދޮށަށް އައުމުގެ މާހައުލެއް ގާއިމުކޮށްދިނުމުގައި ދައުރެއް އަދާކުރެވިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫރަޕްގެ ސަލާމަތީ ކަންކަމުގައި ޔުކްރޭން މައްސަލަ މައިގަނޑު ދައުރެއް އަދާކުރަމުން ދާއިރު، ޕޮލެންޑުގެ އިސްނެގުމަކީ ޔޫރަޕާއި އިންޑިއާއާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޔޫރަޕިއަން ސްޓަޑީޒްގެ ޗެއާޕާސަން ސަލްމާ ބާވާ ވިދާޅުވި ގޮތުގައި، ދެ ފަރާތުންވެސް ވަނީ ޔުކްރޭންގެ މަސްރަހުގައި ހުރި ޚިލާފުތަކާ އެކުގައިވެސް ވިޔަފާރިއާއި ސަލާމަތީ ދާއިރާއިން ގުޅުންތައް ކުރިއަށްގެންދިއުމަށް މަސައްކަތްކޮށްފައެވެ.

އިންޑިއާގެ ކުރީގެ މަންދޫބު އަޖޭ ބިސާރިއާ ވިދާޅުވި ގޮތުގައި، އިންޑިއާގެ މަގާމު މިހާރު ވަނީ ބައިނަލްއަގުވާމީ މައިދާން ގައި ސުލްހަ އާއި މެދުވެރިއެއްގެ ދައުރު އަދާކުރެވޭ ފެންވަރަކަށް ކުރިއަށް  ގެންދެވިފައެވެ. ކިއޭވް އަދި މޮސްކޯއާ އެއްވަރަކަށް މުއާމަލާތްކުރުމުގެ ގާބިލުކަން އިންޑިއާއަށް ލިބިފައިވުމަކީ ޔޫރަޕުން ވެސް މިހާރު ބަލައިގަންނަ ކަމެކެވެ. ޚާއްސަކޮށް، އެމެރިކާގެ ސިޔާސީ ސްޓްރެޓެޖީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ޔޫރަޕުގެ ގައުމުތަކުން އިންޑިއާއާ ގާތް ގުޅުމެއް ބޭއްވުމަށް އިސްކަންދެމުންދާކަން މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!