2024 ވަނަ އަހަރު ލުބުނާނުގެ އާންމުން ދިރިއުޅޭ އިމާރާތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާއަކާ ގުޅިގެން، ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ފްރާންސުގެ ޖުޑީޝަރީން ޚާއްސަ ތަހުގީގެއް ފަށައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ޤާނޫނީ ވަކީލު ކްލެމެންސް ބެކްޓާޓް ވިދާޅުވީ، ބެއިރޫތަށް ދިން ހަމަލާގައި މައިންބަފައިން ޝަހީދުވި ފްރާންސް އަދި ލުބުނާނަށް ނިސްބަތްވާ އާޓިސްޓު އަލީ ޝެރީ އާއި އިންޓަރނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް ގުޅިގެން މިދިޔަ ބަހާރު މޫސުމުގައި ސިވިލް މައްސަލައެއް ފްރާންސުގެ ކޯޓަށް ހުށަހަޅާފައި ކަމަށެވެ. މި މައްސަލަ ބެލުމަށްޓަކައި ޕެރިސް ޖުޑީޝަލް ކޯޓުގެ ކްރައިމްސް އެގެއިންސްޓް ހިއުމަނިޓީ ޔުނިޓުގެ ދެ ގާޒީން މިހާރު ވަނީ އައްޔަންކޮށްފައެވެ.
މި ތަހުގީގަކީ އިޒްރޭލު ސިފައިން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ވިލާތުގެ ޤައުމެއްގެ ކޯޓަކުން ފެށި ފުރަތަމަ ޖިނާއީ ތަހުގީގުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.
ބެއިރޫތުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ދިން މި ހަމަލާގައި އާންމު ރައްޔިތުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ ބައިނަލްއަގުވާމީ އިނﺴާނީ ޤާނޫނުތަކާއި ހަނގުރާމައިގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފް ޢަމަލެއް ކަމަށް ހިއުމަން ރައިޓްސް ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.
ލުބުނާނާއި ޣައްޒާ އަދި ހުޅަނގު އައްސޭރި ސަރަހައްދުގައި އިޒްރޭލުން ހިންގަމުންދާ ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާން ގައި ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، ފްރާންސުގެ ކޯޓުން ފެށި މި ތަހުގީގުގެ ސަބަބުން މުހައްލިލުން ދަނީ މިކަމުގެ ސިޔާސީ އަދި ޤާނޫނީ ނަތީޖާތަކަށް ފާރަވެރިވަމުންނެވެ. މީގެ ކުރިން އދ އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުންވެސް ވަނީ މެދުއިރުމަތީގެ މަސްރަހު ގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ފްރާންސުގެ ގާޒީން އިޒްރޭލު ސިފައިންގެ އަމަލުތައް ތަހުގީގުކުރަން ފެށުމުން، ވިލާތުގެ އިއްތިހާދާއި އިޒްރޭލާ ދެމެދު އޮތް ޚާރިޖީ ގުޅުންތަކަށްވެސް މީގެ އަސަރުކުރާނެ ކަމަށް މުހައްލިލުން ދެކެއެވެ. ފްރާންސުގެ ކޯޓުން ކުރިއަށްގެންދާ މި ތަހުގީގުގައި ހަމަލާދިން ގޮތުގެ ތަފްސީލުތަކާއި، އާންމުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދޭން ނިންމި ސްޓްރެޓެޖީ ބަލައި، ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބޭނުންވާ ހެކި އެއްކުރާނެ ކަމަށް ވަކީލު ބެކްޓާޓް ވިދާޅުވިއެވެ.




