ސޫދާނުގައި ނޫސްވެރިކަން ކުށްވެރިކޮށް، މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނަށް ބަދަލުުގެނެސްފި

ސޫދާނުގެ ޖިނާއީ ޤާނޫނަށް ގެނައި އައު އިސްލާޙަކާ ގުޅިގެން، އެ ޤައުމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް މަރުގެ އަދަބު ނުވަތަ އުމުރުދުވަހުގެ ޖަލު އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެ، ބައިނަލްއަޤުވާމީ މީޑިއާ ޖަމާޢަތްތަކުންނާއި ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ހާމަކޮށްފިއެވެ.

ކޮމިޓީ ޓޫ ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީ.ޕީ.ޖޭ) އިން ނެރުނު ބަޔާނެއްގައި ވަނީ، ސޫދާނުގެ 1991 ވަނަ އަހަރުގެ ޖިނާއީ ޤާނޫނުގެ 51 ވަނަ މާއްދާއަށް ގެނައި އިސްލާޙުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތް ކުށަކަށް ހެދުމުގެ ފުރުސަތު އުފެދިފައިވާ ކަމަށް ބުނެފައެވެ.

"ދައުލަތާ ދެކޮޅަށް ހަނގުރާމަ އުފެއްދުން" ކުށްވެރިކުރާ މި މާއްދާއަށް ގެނައި ބަދަލާއެކު، އިންޓަރނެޓް ނުވަތަ މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަކީވެސް ދައުލަތާ ދެކޮޅަށް ހަނގުރާމައަށް ތާއީދުކުރުން ކަމުގައި މާނަކުރެވޭނެއެވެ.

ސޫދާނުގެ ނޫސްވެރިންގެ ސިންޑިކޭޓާއި "އިމަރޖެންސީ ލޯޔަރސް" ގުރޫޕުން ފާހަގަކުރާ ގޮތުގައި، ޤާނޫނުގައިވާ އިބާރާތްތައް ވަރަށް ފުޅާކޮށް ލިޔެވިފައިވުމުން، ހަނގުރާމައިގެ ޚަބަރުތަކާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާދިސާތައް ރިޕޯޓުކުރާ ނޫސްވެރިންނާއި އެކްޓިވިސްޓުންގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދެއެވެ. 2023 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސޫދާނުގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރު.އެސް.އެފް) އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ސީ.ޕީ.ޖޭ ގެ މައުލޫމާތުތަކަށް ބަލާއިރު މަދުވެގެން 16 ނޫސްވެރިޔަކު ވަނީ ޝަހީދުވެފައެވެ. އަދި ސިފައިންގެ އިދާރާތަކުން މީގެ ކުރިންވެސް ވަނީ މާއްދާ 51 ބޭނުންކޮށްގެން ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ.

ސޫދާނުގެ ޢަދުލުއިންސާފާ ބެހޭ ވަޒީރު ޢަބްދުއްﷲ ދަރަފް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމަށް ގެނެވުނު އިސްލާޙެއް ނޫން ކަމަށާއި، މީގެ މައިގަނޑު މަޤުޞަދަކީ އިދިކޮޅު އާރު.އެސް.އެފް އާއި އެ ފަރާތްތަކުން ހިންގާ ޖަރީމާތަކަށް މީޑިއާ މެދުވެރިކޮށް ފާހަގަކޮށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުން ކަމަށެވެ.

ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން އަންނަނީ ސޫދާނުގެ ސަރުކާރަށް މި އިސްލާޙު އުވާލުމަށާއި، ޤައުމީ ސަލާމަތާ ގުޅޭ ޤާނޫނުތައް ބޭނުންކޮށްގެން ނޫސްވެރިންގެ އަޑުކެނޑުވުން ހުއްޓުވުން ނިމުމަކަށް ގެނައުމަށް އިލްތިމާސްކުރަމުންނެވެ.

ހިއްސާ ކުރައްވާ!