މަޝްހޫރު ޗޮކްލެޓް ބްރޭންޑް ޓޮބްލެރޯންގެ މައި ކުންފުނި ކަމަށްވާ މޮންޑެލީޒް އިންޓަރނޭޝަނަލުން، އިނގިރޭސިވިލާތުގެ ވީގަން ޗޮކްލެޓް އުފައްދާ ކުންފުންޏެއް ކަމަށްވާ "ކެތަރިންސް އޮރިޖިނަލްސް" އާ ދެކޮޅަށް ހައިކޯޓުގައި ޤާނޫނީ ދަޢުވާއެއް އުފުލައިފިއެވެ. މި ދަޢުވާއަކީ ޗޮކްލެޓް ބާގެ ޑިޒައިނާއި ބައްޓަން ނަކަލުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
މޮންޑެލީޒް އިން ބުނާގޮތުގައި ޓޮބްލެރޯންގެ މަޝްހޫރު ތިނެސްކަން ޑިޒައިނަކީ 1929 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ އަދި ރަސްމީކޮށް ހިމާޔަތްކޮށްފައިވާ ޓްރޭޑްމާކެކެވެ. ނަމަވެސް "ކެތަރިންސް އޮރިޖިނަލްސް" އިން އުފައްދާ "އޯބާ" ޗޮކްލެޓް ބާގެ ބައްޓަމަކީ ޓޮބްލެރޯންގެ ސިފަތަކާ އެއްގޮތް ކަމަށްވާތީ، މިއީ ޓްރޭޑްމާކާ ޚިލާފުވުން ކަމަށް އެ ކުންފުނިން ތުހުމަތުކުރެއެވެ. މި މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން ޙައްލެއް ހޯދުމަށް މަސްތަކެއް ވަންދެން މަޝްވަރާކުރެވުނު ނަމަވެސް، އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް މޮންޑެލީޒް އިން ބުނެފައިވެއެވެ.
މި ދަޢުވާއާ ގުޅިގެން "ކެތަރިންސް އޮރިޖިނަލްސް" ގެ ފައުންޑަރު ކެތަރިން ޑޮޑް ވަނީ ބޮޑެތި ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ބިރުދައްކާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ އޯބާގެ ބައްޓަން ފަރުމާކޮށްފައިވަނީ 'އޯ' އަކުރަށް ނިސްބަތްކޮށްގެން ކަމަށާއި، ބައިނަލްއަޤުވާމީ ބޮޑު ކުންފުންޏެއްގެ މިފަދަ ފިއްތުންތަކާ ދެކޮޅަށް ޤާނޫނީ ގޮތުން މަސައްކަތްކުރާނެ ކަމަށެވެ.






