ލިބިޔާއިން ޑީޕޯޓްކޮށްލުމަށްފަހު އަނބުރާ ޤައުމަށް ފޮނުވާލި ޕާކިސްތާނުގެ 12 ރައްޔިތަކާ ދެކޮޅަށް އިންސާނީ ވަގުފާރީގެ މައްސަލައެއް ރަޖިސްޓްރީކޮށް، އެމީހުން ޣައިރުޤާނޫނީ ގޮތުން އިޓަލީއަށް މީހުން ފޮނުވުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި ކަމަށާއި އެމީހުންގެ އޭޖެންޓުންނާ ދެކޮޅަށް ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ޤާނޫނީ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
އިސްލާމްއާބާދު އެއާޕޯޓުގެ އިމިގްރޭޝަނުން މި މީހުން ވަނީ އިތުރު ޤާނޫނީ މަރުޙަލާތައް ކުރިއަށް ގެންދިއުމަށްޓަކައި ރާވަލްޕިންޑީގެ އެންޓި-ހިއުމަން ޓްރެފިކިންގ ސާކަލްއާ ހަވާލުކޮށްފައެވެ. އަދި އެއަށްފަހު އެފްއައިއޭއިން ވަނީ އެމީހުންގެ މައްޗަށް ރަސްމީކޮށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.
އިބްތިދާއީ ތަޙުޤީޤުތަކުން ދައްކާ ގޮތުގައި، އެކި އޭޖެންޓުން ވަނީ ބޭރު ޤައުމުތަކުން ވަޒީފާ ހޯދައިދޭނެ ކަމުގެ ދޮގު ވައުދުތައްވެ، ޕާކިސްތާން މީހުން ދުބާއީ އަދި މިޞްރު މަގުން ވިޒިޓް އަދި ޢުމްރާ ވިސާގައި ލިބިޔާއަށް ފޮނުވާފައެވެ. އަދި ލިބިޔާއިން ކަނޑުމަގުން ކުދި ބޯޓުފަހަރުގައި އެމީހުން އިޓަލީއަށް ފޮނުވުމަށް މި އޭޖެންޓުން ވަނީ ރާވާފައެވެ. މި ދަތުރުތައް އިންތިޒާމުކުރުމަށް އޭޖެންޓުން ވަނީ އެ ރައްޔިތުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ ކަމަށް އެފްއައިއޭއިން ތުހުމަތުކުރެއެވެ.
މި މައްސަލައިގައި ޝާމިލުވާ އެހެން ފަރާތްތަކުގެ ދައުރުވެސް ކުރިއަށް އޮތް ތަނުގައި ކަނޑައެޅިގެންދާނެ ކަމަށް އެފްއައިއޭއިން ބުނެއެވެ. އަދި އިންސާނީ ވަގުފާރިއާއި ޣައިރުޤާނޫނީ ހިޖުރަކުރުމުގެ ޖަރީމާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުެއެޅުމުގައި އެފްއައިއޭއިން ދެމިއޮންނާނެ ކަމަށް އިސްލާމްއާބާދުން ވަނީ ކަށަވަރުކޮށްދީފައެވެ.





