ބަންދުކުރެވޭ މީހަކު މެޖިސްޓްރޭޓެއްގެ ކުރިމައްޗަށް ޙާޟިރުކުރުމަށް ޤާނޫނުއަސާސީން ލާޒިމުކުރާ 24 ގަޑިއިރުގެ މުއްދަތު ގުނަން ފަށަންޖެހޭނީ އެމީހެއްގެ ރަސްމީ ބަންދު ލިޔުން ރަސްމީކޮށް ރެޖިސްޓްރީ ކުރާ ވަގުތުން ނޫން ކަމަށް އިންޑިއާ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މީގެ ކުރިން މީހުން ހިފެހެއްޓުމާއި ހައްޔަރު ކުރުމާ ދެމެދު އިންޑިއާގެ ފުލުހުންނާއި ތަހުގީގީ އިދާރާތަކުން ތަފާތު ކުރަމުން އައިސްފައި ވެއެވެ. ހައްޔަރު ނުކޮށް މީހަކު ހިފަހައްޓާފައި އެތައް އިރެން ވަންދެން ބަހައްޓައެވެ. އަދި އޭގެ ފަހުން ރަސްމީކޮށް މީހާ ހައްޔަރު ކުރީ ކަމަށް ނިންމުމަށްފަހު އެ ވަހުތުން ފެށިގެން ކޯޓަށް ހާޒިރު ކުރާ 24 ގަޑިއިރު ގުނަން ފަށައެވެ.
މި ކަމަށް ނިމުމެއް ގެނައުމުގެ ގޮތުން އިންޑިއާ ސުޕްރީމް ކޯޓުން ވަނީ މީހާ ހިފެހެއްޓުމާިއ ހައްޔަރު ކުރުމާ ދެމެދު ތަފާތެއް ނެތް ކަމަށް ކަނޑައަޅާފައެވެ.
ފުލުހުން ނުވަތަ ތަޙުޤީޤީ އިދާރާތަކުން މީހެއްގެ ޝަޚްޞީ މިނިވަންކަން ހިފަހައްޓާ ވަގުތުން ފެށިގެން އެމީހާ ކޯޓަށް ހާޒިރު ކުރަން ޖެހޭ 24 ގަޑިއިރު ގުނަން ޖެހޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފައެވެ.
ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބަންދު ކޮށްފައި ބެހެއްޓުމާއި ރަސްމީކޮށް ހައްޔަރުކުރުމާ ދެމެދު ޤާނޫނީ ގޮތުން އުފައްދާ ތަފާތުކުރުންތައް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅާފައެވެ.
އަދި ތަޙުޤީޤީ އިދާރާތަކުން އިންޑިއާގެ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާގެ 2 ވަނަ ނަންބަރުން ކަށަވަރުކޮށްދޭ ރައްކާތެރިކަން ލަސްކުރުމަށްޓަކައި އިތުރު ވަގުތު އުފެއްދުމުގެ ފުރުޞަތު ނުދެވޭނެ ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.
މި ތާރީޚީ ޙުކުމް އައިސްފައިވަނީ ތުރިޕޫރާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ހަތަރު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި 24 ގަޑިއިރުގެ މުއްދަތު ފަހަނައަޅައިގޮސްފައިވާތީ، އެމީހުން ވަގުތުން މިނިވަންކުރުމަށް އަމުރުކުރި މައްސަލައިގައެވެ.
ކޯޓުން ވަނީ މެޖިސްޓްރޭޓުން މީހެއްގެ މިނިވަންކަން ހިފެހެއްޓުނު ސީދާ ވަގުތު ރެކޯޑުކޮށް، ޤާނޫނީ އިޖުރާއަތްތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށް އަންގާފައެވެ. އަދި އިޖުރާއީ ލަސްވުންތަކުގެ ސަބަބުން ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކާއި ރައްކާތެރިކަން ހީނަރުވިޔަ ނުދިނުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ބާރުއަޅުއްވާފައެވެ.
ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، މި ނިންމުމަކީ ތަޙުޤީޤީ އިދާރާތަކުން ބަންދުގައި ބައިތިއްބައިގެން ކުރާ ތަޙުޤީޤުތަކުގައި އިންސާނީ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުން ހުއްޓުވުމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މި ޙުކުމުގެ ސަބަބުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މެޖިސްޓްރޭޓުންގެ ދައުރު އިތުރަށް ފުޅާވެ، ފުލުހުންނާއި ސިފައިންގެ އިދާރާތަކުގެ ޒިންމާދާރުކަން ކަށަވަރުވެގެންދާނެއެވެ.






