ޕާކިސްތާނުން މިއަހަރުގެ ނުވަވަނަ ޕޯލިއޯ ކޭސް ފެނިއްޖެ

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ޚައިބަރު ޑިސްޓްރިކްޓުން މިއަހަރުގެ ނުވަވަނަ ޕޯލިއޯ ކޭސް ފެނިފައިވާކަން އެޤައުމުގެ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ކަށަވަރުކޮށްދީފިއެވެ.

ޚައިބަރަކީ ޕޯލިއޯ ވެކްސިނާ ދެކޮޅުވެރި ބަޔަލު އުޅޭ ސަރަހައްދެކެވެ، އެތަނުން ސިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ދެވޭ ނުރައްކާތެރި ހަމަލާތަކާއި މީހުން ރަހީނުކުރުމުގެ ޙާދިސާތައް ވަނީ ރިޕޯޓު ކޮށްފައެވެ.

އެންއީއޯސީން ހާމަކުރި ގޮތުގައި، އަލަށް ޕޯލިއޯ ޖެހިފައިވަނީ ޚައިބަރު ޕަޚްތޫންޚްވާގެ ބާރާ ތަޙުޞީލަށް ނިސްބަތްވާ އުމުރުން 7 މަހުގެ ފިރިހެން ކުއްޖަކަށެވެ. މިއީ މިއަހަރުގެ ތެރޭގައި ޚައިބަރު ޑިސްޓްރިކްޓުން ފެނުނު ތިންވަނަ ކޭސް ކަމަށްވާއިރު، މުޅި ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސުން ފެނުނު ހަތްވަނަ ކޭސްއެވެ.

ޓެސްޓުތަކުން ދައްކާ ގޮތުގައި ޚައިބަރު ޑިސްޓްރިކްޓުން ފެނުނު ޕޯލިއޯ ވައިރަސްގެ ޖެނެޓިކް ސިފަތައް ސީދާ ގުޅެނީ އަވައްޓެރި އަފްޣާނިސްތާނުގައި ފެތުރެމުންދާ ވައިރަސް ސްޓްރެއިންތަކާއެވެ. އަފްޣާނިސްތާނުގައި 2026 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ޕޯލިއޯގެ 50 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ދުނިޔޭގައި ޕޯލިއޯ ވައިރަސް ނައްތާނުލެވި އާންމުކޮށް ފެތުރެމުންދާ ހަމައެކަނި ދެ ޤައުމަކީ ޕާކިސްތާނާއި އަފްޣާނިސްތާނެވެ.

މި ސިއްޙީ ނުރައްކަލުގެ ތެރޭގައި، ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އެމީހުންގެ ސެކިއުރިޓީއަށް ތިބޭ ސިފައިންނަށް އަންނަނީ ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން، ޚައިބަރު ޕަޚްތޫންޚްވާގެ ޖަމްރޫދު ސަރަހައްދުގައި ވެކްސިން ކެމްޕޭން ސުޕަވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވި ޖަލީލް ޚާން ވަނީ  ރަހީނުކޮށްގެން ގެންގޮސްފައެވެ.

މީގެ އިތުރުން، މޮހްމަންޑް ޑިސްޓްރިކްޓްގައި ވެކްސިން ދޭ ޓީމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ދިޔަ ސިފައިންގެ ދެ އޮފިޝަލަކު ވަނީ ބަޑީގެ ހަމަލާތަކެއްގައި މަރުވެފައެވެ. އަދި ޓޭންކް ޑިސްޓްރިކްޓުން ވެކްސިން ދޭ 4 މުވައްޒަފަކު ރަހީނުކޮށްފައިވާއިރު، ލޯވަރު ސައުތު ވަޒީރިސްތާނުގެ އަޒަމް ވަރްސަކް ސަރަހައްދުންވެސް މުވައްޒަފުންތަކެއް ރަހީނުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މި ހަމަލާތަކުގެ ފަހަތުގައިވަނީ މަނާކުރެވިފައިވާ ޓެރަރިސްޓް ތަޙްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) ކަމަށް ތުހުމަތުކުރެވެއެވެ.

ހިއްސާ ކުރައްވާ!