ނުރައްކާ ބޮޑުވުމުން މެދުއިރުމަތީގައި ތިބި އިސްރާއީލާ އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައިފި

ޙޫޘީ ޖަމާއަތުން ދީފާނެ ހަމަލާތަކަކާއި އީރާނުން އެމެރިކާގެ ސަރުކާރުގެ އޮފިޝަލުންނަށް އަމާޒުކޮށްފާނެ ނުރައްކާތަކާ ގުޅިގެން މެދުއިރުމަތީގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އެމެރިކާގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ އަދި އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުން ނެރުނު ސެކިއުރިޓީ އިންޒާރުތަކުގައި، އެ ސަރަހައްދުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެމެރިކާގެ ރައްޔިތުން އިތުރަށް ސަމާލުވުމަށް ވަނީ އަންގާފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް މެދުކެނޑުމާއި، ވައިގެ ސަރަހައްދުތައް ބަންދުކުރުން ފަދަ ކަންކަމަށް ތައްޔާރުވެގެން ތިބުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އިސްރާއީލުން ވަނީ ޔޫއޭއީއާއި ތުރުކީގައި އުޅޭ ޔަހޫދީން އެގައުމުން ފޭބުމަށް އަންގާފައެވެ.

އެމެރިކާ އެމްބަސީތަކުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޙޫޘީން ގެ ހަމަލާތައް އިތުރަށް ވަރުގަދަވެގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށާއި، އީރާނާއި އެ ގައުމަށް ތާއީދުކުރާ ގްރޫޕްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ މަޞްލަޙަތުތަކަށާއި ކުންފުނިތަކަށް އަމާޒުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ބަޔާނުގައިވެއެވެ.

  • މި ނުރައްކާތަކާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގައި ތިބި އެމެރިކާގެ ކޮންމެހެން ތިބެންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެ ގައުމުން ފުރައިގެން ދިއުމަށް ވަނީ އަންގާފައެވެ.
  • ޔަމަންގެ އިން އިމުން ފެށިގެން 32 ކިލޯމީޓަރުގެ ސަރަހައްދަށް ދަތުރުކުރުން އެމެރިކާގެ އޮފިޝަލުންނަށް ވަނީ މަނާކޮށްފައެވެ.
  • މީގެ އިތުރުން އިސްރާއީލުގައި ތިބި އެމެރިކާ މީހުން ރޮކެޓް ހަމަލާތަކުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތައްެ އަޅައި، ކާބޯތަކެއްޗާއި ބޭސް ރައްކާކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މި އިންޒާރުތައް އައިސްފައިވަނީ ސުލްހަވެރި ހައްލެއް ހޯދުމަށް ޑިޕްލޮމެޓުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވި ގޮތުގައި އެމެރިކާއިން އިސްކަންދެނީ ޑިޕްލޮމެޓިކް ސްޓްރެޓެޖީއަކަށެވެ. ނަމަވެސް، އީރާނުން ވަނީ އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، އަވަށްޓެރި ގައުމުތަކުގައިވާ އެމެރިކާއާއި އިސްރާއީލުގެ މަޞްލަޙަތުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. މިހާރު ޤަޠަރު މެދުވެރިވެގެން ދަނީ މަސްރަހު ފިނިކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ.

ހިއްސާ ކުރައްވާ!