ފާއިތުވި ދިހަވަރަކަށް އަހަރު ދުނިޔޭގެ ނިސްބަތުން އިޤްތިޞާދީ ކުރިއެރުމުގެ އެންމެ ކާމިޔާބު އެއް މިސާލުގެ ގޮތުގައި ފާހަގަކުރެވުނު ބަންގްލަދޭޝްގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، ގައުމުގެ މާލީ މުއައްސަސާތަކުގެ އިތުބާރު ކުޑަވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ބަންގްލަދޭޝްގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ބީބީއެސް) އިން އާންމުކުރި ވަގުތީ އަންދާޒާތަކަށް ބަލާއިރު، 2025-2026 ވަނަ މާލީ އަހަރު އެ ގައުމުގެ އިޤްތިޞާދީ ކުރިއެރުން ހުރީ 4.14 އިންސައްތައިގައެވެ. އަދި ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 2026-2027 ވަނަ މާލީ އަހަރު މި އަދަދު 3.4 އިންސައްތައަށް ދަށްވާނެއެވެ. މިއީ 2018-2019 ވަނަ މާލީ އަހަރު ބީބީއެސްއިން ރިކޯޑުކުރި 8.15 އިންސައްތައިގެ ކުރިއެރުމާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. މިއީ ކުއްލިއަކަށް ކުރިމަތިވި ހީނަރުކަމެއް ނޫން ކަމަށާއި، އަހަރުތަކެއް ވަންދެން ޖަމާވެފައިވާ އޮނިގަނޑުގެ ދޭސީ ކަމުގެ ނަތީޖާ ކަމަށް އިޤްތިޞާދީ މުހައްލިލުން ފާހަގަކުރެއެވެ.
ބަންގްލަދޭޝްގެ އިޤްތިޞާދުގެ މައިނަރަކީ ތައްޔާރީ އަންނައުނުގެ ވިޔަފާރިއާއި ބޭރު ގައުމުތަކުގައި ތިބި މަސައްކަތްތެރިން ފޮނުވާ ރެމިޓެންސް ފައިސާ އެވެ. 2025-2026 ވަނަ މާލީ އަހަރު އެ ގައުމަށް ރެކޯޑު އަދަދަކަށް، އެއީ 35.56 ބިލިއަން އެމެރިކާ ޑޮލަރުގެ ރެމިޓެންސް ލިބިފައިވީ ނަމަވެސް، އަމިއްލަ އިންވެސްޓްމަންޓްތައް އިތުރުކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ މާލީ އިދާރާ އައިއެމްއެފް ގެ މިންގަނޑުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ބޭރު ފައިސާގެ ރިޒަރވް ވަނީ 18.6 ބިލިއަން ޑޮލަރަށް ދަށްވެފައެވެ.
އެ ގައުމުގެ ބޭންކިންގ ދާއިރާގައި ހުރި މައްސަލަތަކަކީ އިޤްތިޞާދު ކުރިއެރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ސިޔާސީ ނުފޫޒުން ދޫކުރެވޭ ލޯނުތަކާއި، ގަވާއިދާ ޚިލާފު ކަންކަމުގެ ސަބަބުން ނުދެއްކި ހުރި ލޯނުތަކުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުތައް ބުނާ ގޮތުގައި 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކިންގ ދާއިރާގެ ނޮން-ޕަރފޯމިންގ ލޯނުތަކުގެ ނިސްބަތް ވަނީ 33.2 އިންސައްތައަށް އަރާފައެވެ. އަދި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަމިއްލަ ދާއިރާއަށް ޕްރައިވެޓް ސެކްޓަރ އަށް ދޫކުރެވުނު ކްރެޑިޓް 4.17 އިންސައްތައަށް ދަށްވެފައިވާއިރު، މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެންމެ ދަށްވި ފަހަރެވެ.
މި ޙާލަތުން އަރައިގަތުމަށްޓަކައި މުއައްސަސާތަކުގެ އިތުބާރު އަލުން ހޯދައި، ބަންގްލަދޭޝް ބޭންކަށް ސިޔާސީ ނުފޫޒުންެ އެއްކިބާވެގެން މާލީ މުއައްސަސާތައް ސުޕަވައިޒްކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. އަދި އަމިއްލަ އިންވެސްޓްމަންޓްތައް ޖީޑީޕީގެ 22.48 އިންސައްތައިން 30 އިންސައްތައަށް އިތުރުކުރުމަށްޓަކައި، ހާމަކަން ބޮޑު ޤާނޫނީ އޮނިގަނޑަކާއި، އިތުބާރު ހުރި ހަކަތައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސްޓްރެޓެޖީ ތައް އެކުލަވާލުމަށް ގޮވާލަމުން ދެއެވެ.
ބަންގްލަދޭޝްގައި މަސައްކަތްކުރާ ޒުވާން އާބާދީއަކާއި ހުނަރުވެރި މަސައްކަތްތެރިން ތިބި ނަމަވެސް، އިޤްތިޞާދީ ކުރިއެރުން ހާސިލުކުރެވޭނީ މުއައްސަސާތަކުގެ ބާރުވެރިކަމާއި، އުފެއްދުންތެރިކަން އިތުރުކޮށްގެން ކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ.





