"އަޔަން ގޭޓް" ޓާސްކް ފޯސްއާއެކުވެސް އިޤްތިޞާދު ހިސާރު ނުކުރެވޭނެ: އީރާނު 

އީރާނުގެ ބޯޑަރުތަކާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ހަތިޔާރާއި މާލީ ވަސީލަތްތައް އެތެރެކުރުން ހުއްޓުވުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން "އަޔަން ގޭޓް" ގެ ނަމުގައި ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލި ނަމަވެސް، އީރާނުގެ އިޤްތިޞާދު ހިސާރުކޮށް ވިޔަފާރި މަގުތައް ބަންދުނުކުރެވޭނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ.

އައިއާރުޖީސީގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ވިދާޅުވީ، އެމެރިކާގެ "އަޔަން ގޭޓް" މަޝްރޫއަކީ ހަމައެކަނި ބޮޑު ބަސް ބުނުމުގެ އަމަލެއް ކަމަށާއި، އީރާނުގެ އިޤްތިޞާދު އިނދަޖައްސާލުމަށް އެމެރިކާއިން ކުރާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ ކަމަށެވެ. އީރާނުން ވަނީ އަވަށްޓެރި ގައުމުތަކާއެކު އޮތް ގުޅުންތައް ވަރުގަދަކޮށް، ކުރިމަތިވެދާނެ ކޮންމެ ޢުދުންވާނަކަށް ރައްދު ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީރާންގެ އެއްގަމު ބޯޑަރުތަކާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީ އަދި ފައިސާ އެތެރެކުރުން ހުއްޓުވުމަށް ސެންޓްކޮމްއިން 20 މެންބަރުންގެ ޓާސްކް ފޯސްއެއް އެކުލަވާލިކަން  ވަނީ އިއުލާނު ކޮށްފައެވެ.

އެމެރިކާގެ ފްލޮރިޑާގައި މަރުކަޒު ހަދާފައިވާ އަދި އެތަނުން ހަރަކާތްތެރިވާ މި ޓާސްކް ފޯސްގެ މައިގަނޑު އަމާޒަކީ ކަނޑުމަގުން އީރާނަށް އަޅާފައިވާ ހިސާރު ކުރުން އިތުރަށް ވަރުގަދަކުރުމެވެ.

މިއީ އދން ހުއްދަ ދީގެން އެމެރިކާއިން ހިންގާ ކަމެއް ނޫނެވެ. އަދި މިއީ އަމިއްލަ އަމިއްލައަށް އެެމރިކާއިން ހިންގާ އުދުވާނީ އަމަލެކެވެ.

ސެންޓްކޮމްއިން ހާމަކުރި ގޮތުގައި، ފާއިތުވި އޭޕްރީލް މަހުން ފެށިގެން ކަނޑުމަގުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ސަބަބުން 25 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަގުހުރި ކްރޫޑް އޮއިލް އެކްސްޕޯޓްކުރުމަށް އީރާނަށް ވަނީ ހުރަސްއެޅިފައެވެ. އަދި އީރާނުގެ ބަނދަރުތަކަށް ވަދެނުކުންނަ އުޅަންދަފާރިތަކަށް ފާރަލުން ކުރިއަށްދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އީރާނުގެ ސައިޑުން ތަރުޖަމާނު މުޙިއްބީ އިތުރަށް ވިދާޅުވީ، އެމެރިކާގެ ސިފައިންގެ ޑްރޯން ޔުނިޓްތަކުގެ ހަރަކާތްތަކާއި އެމީހުން ތިބޭ މައިދާން ތައް އައިއާރުޖީސީގެ އިންޓެލިޖެންސްއިން ގަވާއިދުން މޮނިޓަރުކުރަމުންދާ ކަމަށެވެ. ކެސްޕިއަން ކަނޑުގެ ސަރަހައްދުގައި ރަޝިޔާ، އަޒަރބައިޖާން، ތުރުކުމެނިސްތާން އަދި ކަޒަކިސްތާން ފަދަ ގައުމުތައް އޮތްއިރު، އީރާނުން ވަނީ އެ ގައުމުތަކާއެކު އިޤްތިޞާދީ އަދި ސަލާމަތީ ސްޓްރެޓެޖީ ތައް ވަރުގަދަކޮށްފައެވެ.

2026 ވަނަ އަހަރުގެ ހޫނުމޫސުމުން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނަށް މާލީ އަދި އިޤްތިޞާދީ ފިއްތުންތައް ބޮޑުކުރަމުން ގޮސްފައި ވެއެވެ.

ހިއްސާ ކުރައްވާ!