ދުނިޔޭގެ އިޤްތިޞާދީ އުފެއްދުންތެރިކަމާ އެއްވަރަށް ޢާންމު ދަރަނި އުފުލެމުންދާ ދަނޑިވަޅެއްގައި، ޢަރަބި 10 ޤައުމެއްގެ ޖުމްލަ ދަރަނި 1.73 ޓްރިލިއަން ޑޮލަރަށް އަރައި، އެ ޤައުމުތަކުގެ މާލީ ސާބިތުކަމަށް އަސަރު ކޮށްފިއެވެ.
އައިއެމްއެފް އިން 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް" އަދި ޤައުމީ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ދުނިޔޭގެ ޖުމްލަ ދަރަނި ވަނީ 2025 ވަނަ އަހަރު ޖީޑީޕީގެ 94 އިންސައްތައަށް އުފުލިފައެވެ. އަދި 2029 ވަނަ އަހަރާ ހަމައަށްދާއިރު މިއަދަދު 100 އިންސައްތައަށް އަރާނެ ކަމަށް އައިއެމްއެފުން ލަފާކުރެއެވެ.
- ޢަރަބި ގައުމުތަކުގެ ސަރަޙައްދުގެ އެންމެ ބޮޑު ދަރަންޏެއް އޮތް 10 ޤައުމުގެ ލިސްޓުގެ ކުރީގައި އުޅެނީ ސުޢޫދީ ޢަރަބިއްޔާއާއި މިޞްރެވެ.
މި ދެ ޤައުމުގެ ދަރަނި އެކަނިވެސް 793 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.
- ސުޢޫދީ އަރަބިއްޔާގެ ދަރަނި ހުރީ ޖީޑީޕީގެ 31.8 އިންސައްތައިގައެވެ.
- އަރަބި ގައުމުތަކުގ ެތެރޭން ޤައުމީ އިޤްތިޞާދާ އަޅާބަލާއިރު ދަރަނީގެ ނިސްބަތް އެންމެ ނުރައްކާތެރި މިންވަރެއްގައި އޮތީ ސޫދާންގައެވެ.
- ސޫދާނުގެ ދަރަނި ވަނީ އެ ޤައުމުގެ ޖީޑީޕީގެ 204.4 އިންސައްތައަށް އަރާފައެވެ.
އައިއެމްއެފްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ސުޢޫދީ އަރަބިއްޔާގެ ޖުމްލަ ދަރަނި 405.1 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އޭގެ ތެރެއިން 62 އިންސައްތައަކީ ގައުމުގެ އެތެރެއިން ނަގާފައިވާ ދަރަންޏެވެ.
- ދެވަނައިގައި އޮތް މިޞްރުގެ ދަރަނި 388 ބިލިއަން ޑޮލަރަށް އަރައި، ޖީޑީޕީގެ 86.8 އިންސައްތަ ޙިއްޞާކުރެއެވެ.
- ލިސްޓުގެ ތިންވަނައިގައި 208.1 ބިލިއަން ޑޮލަރުގެ ދަރަންޏާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމަނފައި ވެއެވެ.
- އަލްޖީރިއާގެ ދަރަނި އުޅެނީ 150.3 ބިލިއަން ޑޮލަރުގައެވެ.
- ޢިރާޤުގެ ދަރަނި 139.4 ބިލިއަން ޑޮލަރަށް އަރާފަ ވެއެވެ.
- މޮރޮކޯގެ ދަރަނި އުޅެނީ 125.4 ބިލިއަން ޑޮލަރުގައެވެ.
- ޤަޠަރުގެ ދަރަނި 93 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ.
- ބަޙްރައިންގެ ދަރަނި 70.6 ބިލިއަން ޑޮލަރަށް އަރައެވެ.
- ލީބިޔާގެ ދަރަނި އުޅެނީ 67.1 ބިލިއަން ޑޮލަރުގައެވެ.
އައިއެމްއެފްގެ މެދުއިރުމައްޗާއި މެދުތެރޭ އޭޝިއާ (މެދުއަިރުމަތި) ސަރަހައްދުގެ ޑިރެކްޓަރު ޖިހާދު އަޒޫރު ވިދާޅުވީ، ދަރަނީގެ އިންޓްރެސްޓް ބޮޑުވުމުގެ ސަބަބުން ސަރުކާރުތަކުގެ ބަޖެޓަށް އިންތިހާއަށް ފިއްތުންތައް ކުރިމަތިވެ، އިޤްތިޞާދީ ކުއްލި ލޮޅުންތަކުން އަރައިގަތުމަށް އޮތް ޤާބިލުކަން ކުޑަވަމުންދާ ކަމަށެވެ.
މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރާ ޢަރަބި ޤައުމުތަކުގެ އާމްދަނީގެ 40 އިންސައްތައާ ގާތްކުރާ މިންވަރެއް އެގައުމުތަކުގެ ދަރަނީގެ އިންޓްރެސްޓް ދެއްކުމަށް ޚަރަދުކުރަންޖެހުމަކީ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށް ވޯލްޑް ބެންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.







