ސްޕެއިންގެ ހުޅަނގު އުތުރުގައި އޮންނަ އަލާރިސް އަވަށުގައި މަރުވެފައިވާ އަންހެނެއްގެ ގެ ސާފުކޮށް ބަލަހައްޓަމުންދިޔަ އޭނާގެ އަންހެން ދަރިފުޅަށް، އެ ގޭގެ ތިރީބުރީގައި ހުރި ގުދަނެއްގެ ތެރޭގައި ބަހައްޓާފައި ހުރި ބާ ފްރީޒަރެއްގެ ތެރެއިން މަރުވެފައިވާ ތުއްތު ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ކަމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި، މި ހަށިގަނޑު އެ ފްރީޒަރުގެ ތެރޭގައި އޮންނަތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. މި އާދަޔާ ޚިލާފު ހާދިސާއާ ގުޅިގެން ސްޕެއިންގެ ފުލުހުންނާއި ތަޙުޤީޤީ އިދާރާތަކުން ވަނީ މި މައްސަލައިގެ ޙަޤީޤަތް ހޯދުމަށް ފުޅާ ދާއިރާއެއްގައި ތަޙުޤީޤެއް ފަށާފައެވެ.
ސްޕެއިންގެ ރަސްމީ ނޫސް އެޖެންސީ "އެފޭ" އާއި އެޤައުމުގެ ލޯކަލް މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ތިލަ ވެފައިވަނީ މަރުވެފައިވާ މަންމަގެ ގޭގައި ހުރި ތަކެތި ބަލައި، ގެ ސާފުކުރުމުގެ މަސައްކަތް އަންހެން ދަރިފުޅު ކުރަމުން ދަނިކޮށެވެ. އެ ގޭގެ ތިރީބުރީގައި ހުރި ސްޓޯރޭޖް ކޮޓަރިއެއްގެ ތެރޭގައި ހުރި ފްރީޒަރު ހުޅުވާލި ވަގުތު، އޭގެ ތެރެއިން ތުއްތު ކުއްޖާގެ ހަށިގަނޑުގެ ބައިތައް ފެނުމާއެކު އޭނާ ވަނީ ވަގުތުން ފުލުހުންނަށް އެކަން އަންގާފައެވެ.
މި މައްސަލަ ތަޙުޤީޤުކުރާ ފަރާތްތަކުން ހެދި ފުރަތަމަ ޓެސްޓުތަކުން ދައްކާ ގޮތުގައި، މި ތުއްތު ކުއްޖާ މަރުވެފައިވަނީ މައިމީހާގެ ބަނޑަށް 32 ހަފްތާއާއި 34 ހަފްތާއާ ދެމެދުގެ މުއްދަތެއްގައެވެ. އަދި މި އީ މީގެ ވިހި އަހަރަށްވުރެ ކުރިން އުފަންވެފައިވާ ކުއްޖެއްގެ ހަށިގަނޑު ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ. ސްޕެއިންގެ ނޫހެއް ކަމަށްވާ "ލާ ރެޖިއޯން" އިން ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، މި ކުއްޖާ މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، ކުއްޖާ ވިހެއީ ދިރިހުއްޓައި ކަމެއް ނުވަތަ މަރުވެފައި އޮއްވައި ކަމެއްވެސް އަދި ސާފުނުވާ ކަމަށެވެ.
ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށާއި، މިކަމުގައި އެއްވެސް ބައެއްގެ އިހުމާލެއް ނުވަތަ ޤާނޫނާ ޚިލާފު ޢަމަލެއް ހިމެނޭތޯ ބެލުމަށްޓަކައި، ހަށިގަނޑު ވަނީ ގަލީސިއާގެ އިންސްޓިޓިއުޓް އޮފް ފޮރެންސިކް މެޑިސިންއަށް ގެންގޮސްފައެވެ. އެތަނުގައި ފުރިހަމަ ޕޯސްޓްމޯޓަމްއަކާއި ފަންނީ މެޑިކަލް ޓެސްޓުތައް ވަނީ ހަދާފައެވެ.
މީގެއިތުރުން، މި ތުއްތު ކުއްޖާގެ އަސްލު މައިންބަފައިންނަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ސްޕެއިންގެ ކަމާބެހޭ އިދާރާތަކުން ވަނީ ޑީއެންއޭ ތަޙުލީލުތައް ހެދުމުގެ މަސައްކަތް ފަށާފައެވެ. އަދި ފްރީޒަރުގެ ތެރެއަށް ކުއްޖާގެ ހަށިގަނޑު ލުމުގެ ކުރިން ހިނގާދިޔަ ކަންކަން ތަރުތީބުކޮށް ދެނެގަތުމަށްޓަކައި، އާއިލާގެ އެހެން މެންބަރުންގެ ބަޔާންތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައިގެ ނާޒުކުކަމަށް ބަލައި، މައްސަލަ ބަލާ ފަނޑިޔާރު ވަނީ ތަޙުޤީޤުގެ އިޖުރާއަތުތައް ސިއްރުކުރުމަށް ޚާއްސަ އަމުރެއް ނެރުއްވާފައެވެ. މި އަމުރުގެ ސަބަބުން މި މައްސަލައާ ގުޅުންހުރި އިތުރު ތަފްޞީލުތަކާއި، މައްސަލައިގައި ޝާމިލުވާ ކަމަށް ބެލެވޭ ފަރާތްތަކުގެ މަޢުލޫމާތު އާންމުކުރުން ވަނީ މަނާކޮށްފައެވެ.
ގަލީސިއާގެ ނޫހެއް ކަމަށްވާ "ލާ ވޯޒް ޑި ގަލީސިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފޮރެންސިކް ތަޙުލީލުތަކާއި ޕޯސްޓްމޯޓަމްގެ މަސައްކަތްތައް ނިންމުމަށްފަހު، ނޮވެންބަރު 5 ގައި އެ އަވަށުގެ ސަރުކާރު ގަބުރުސްތާނުގައި ވަނީ އެ ތުއްތު ކުއްޖާ ވަޅުލާފައެވެ.





