ޓިބެޓްގެ ސަގާފަތް ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފި

ޓިބެޓްގެ ޘަޤާފަތާއި ޤައުމީ ވަންތަކަން ހީނަރުކުރުމަށް ޗައިނާއިން ހިންގާ ނޭދެވޭ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޓިބެޓްގެ މަންދޫބުންނާއި ބައިނަލްއަޤުވާމީ އެއްބާރުލުންދޭ ފަރާތްތަކުން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ ސްޕޭންގެ ބާސެލޯނާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޓިބެޓް ނެޓްވޯކްގެ ދެ ދުވަހުގެ ބައްދަލުވުމެއްގައެވެ.

ސެންޓްރަލް ޓިބެޓް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ފަސް ބައްރަކުން 48 އެކްޓިވިސްޓުންނާއި ސަޕޯޓަރުން ބައިވެރިވި މި ބައްދަލުވުން ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ ހަތަކުން އަށަކަށެވެ. ވިހި ޤައުމަކުން މަންދޫބުން ބައިވެރިވި މި ބައްދަލުވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އައު އުކުޅުތަކާއި ސިޔާސަތުތައް ރޭވުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޓިބެޓްގެ ޙައްޤުތަކަށް ވަކާލާތުކުރުން އިތުރަށް ހަރުދަނާކުރުމެވެ.

ޓިބެތްގެ ރޫހާނީ ލީޑަރުގެ މަންދޫބު ރިގްޒިން ޖެންޚަން މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޓިބެޓްގެ މިނިވަންކަމުގެ ޙަރަކާތްތަކަށް މިހާރު ކުރިމަތިވެފައިވަނީ ތާރީޚުގައިވެސް ދިމާވި އެންމެ ނުރައްކާތެރި އަދި ދަތި ދުވަސްތައް ކަމަށެވެ. އަދި ޗައިނާގެ ސަރުކާރުން ޓިބެޓްގެ ޘަޤާފީ އަދި ޤައުމީ ހައިސިއްޔަތު މުޅިން ފުހެލުމަށް ކުރަމުންދާ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ފާހަގަކރއްވިއެވެ.

ސެންޓްރަލް ޓިބެޓް އެޑްމިނިސްޓްރޭޝަނުން ގެންގުޅޭ މެދުމިނުގެ ސިޔާސަތަށް އަލުން ތާއީދުކުރައްވަމުން، ޙަރަކާތުގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، އެންމެންގެ މައިގަނޑު އަމާޒަށް އެކަމުން ހުރަސްއެޅިގެން ނުވާނެ ކަމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. ތަފާތު އުކުޅުތައް ބޭނުންކުރުމަކީ އެއްބަޔަކު އަނެއްބަޔަކާ ފުށުއަރާ ކަމެއް ނޫންކަން ފާހަގަކުރައްވައި، ޓިބެޓްގެ މައިގަނޑު މަޤުޞަދަށް ސަމާލުކަން ދިނުމަށް ބައިވެރިންނަށް އޭނާ ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި ޓިބެޓްގެ އިދާރާގެ ފަރާތުން ވަނީ، ޓިބެޓްގެ ސުލްޙަވެރި ޙަރަކާތަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ވެދެމުންދާ އެހީތެރިކަމާއި ވަމުންދާ ޤުރުބާނީތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

ހިއްސާ ކުރައްވާ!