ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހެދުން ފަހާ ފެކްޓަރީތަކުގެ މުވައްޒަފުން ކުރަމުންދާ މުސާރައާ ގުޅޭ މުޒާހަރާތައް ހޫނުވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މިހާރު ކުރިއށްދާ އުޖޫރައާ ބެހޭ ބައްދަލުވުން ފަސްކުރުމާ ގުޅިގެން، އެތައް ހާސް މަސައްކަތްތެރިން މަގުތަކަށް ނުކުމެ ހިންގި މި ހަމަނުޖެހުންތަކުގައި ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްގެން ފުލުހުން ވަނީ ބައިވެރިން ދުރަށް ޖައްސާފއެވެ.
މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނަށް ހަމަލާދީ، ވެހިކަލްތަކުގައި ރޯކޮށްލުމުގެ އިތުރުން ވެރިރަށް ޑާކާއާއި މައިނިންގް ދެމެދު އޮންނަ މައި މަގު ބަންދުކޮށްފެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ހެދުން އެއެކްސްޕޯޓު ކުރާ ބަންގްލަދޭޝްގެ ޢާންމު ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން، މަސައްކަތްތެރިން އަންނަނީ މަހެއްގެ މައްޗަށް 30,000 ޓަކާ (ގާތގަނޑަކަށް 240 އެމެރިކާ ޑޮލަރު) ގެ މުސާރައެއް ހޯދުމަށް ގޮވާލަމުންނެވެ. މިއީ މިހާރު ލިބެމުންދާ 12,500 ޓަކާއާ އަޅައިބަލާއިރު 140 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މި މައްސަލައާ ގުޅިގެން އިތުބާރު ހުރި މަސްދަރުތަކުން ބުނާފައިވަނީ، ޤައުމުގައި ހުރި 4,500 ފެކްޓަރީގެ ތެރެއިން ގާތގަނޑަކަށް 500 ފެކްޓަރީ މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. ޤާނޫނުގައި އޮންނަ ގޮތުން އުފެއްދުންތަކަށް ބުރޫއަރާ ޙާލަތްތަކުގައި ފެކްޓަރީތައް ބަންދުކޮށް މުސާރަ ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު ވެރިންނަށް ލިބިގެންވެއެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ނުރުހުން އިތުރަށް ބޮޑުވާން މެދުވެރިވި ސަބަބެއް ކަމަށް ވެއެވެ.
މުޒާހަރާތައް ހޫނުވުމާ ގުޅިގެން، ބޯޑަރ ގާޑް ބަންގްލަދޭޝް (ބީ.ޖީ.ބީ) ގެ ސިފައިން ވަނީ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ޑްރޯން އާއި ޒަމާނީ ކެމެރާތައް ބޭނުންކޮށްގެން ޙާލަތު މޮނިޓަރ ކުރަން ފަށާފައެވެ. ވިޔަފާރީގެ މައިގަނޑު މޫސުން ކަމަށްވާ ކްރިސްމަސް ގެ ކުރިން ދިމާވި މި ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި ބައިނަލްއަޤުވާމީ ސަޕްލައި ޗެއިންއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މުސާރައިގެ މަޝްވަރާތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.






