ހަވާ އަރުވާތަން ބަލަންޏާ ދާންވީ ދުބާއީއަށް

ސަރަޙައްދީ މަސްރަޙަށް އައި ނުތަނަވަސްކަމާ ގުޅިގެން މެދުކަނޑާލާފައިވާ، ދުބާއީގެ މަޝްހޫރު މަސްވެރިކަމާއި ސަޤާފީ މައިދާން ކަމަށްވާ ގްލޯބަލް ވިލެޖުގެ ހަވާ އެރުވުމުގެ ކުލަގަދަ ޙަރަކާތްތައް އަންނަ ހަފުތާބަންދުގައި އަލުން ފެށުމަށް ހަމަޖައްސައިފިއެވެ.

ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލި މި ޙަރަކާތްތައް އަލުން ފެށުމަކީ އެ ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު އުފަލެކެވެ.

ގްލޯބަލް ވިލެޖުގެ އިސް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ހަވާ އެރުވުމުގެ ޙަރަކާތްތައް އޮންނާނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް މުހިންމު މުނާސަބާތަކާއި ޚާއްޞަ ދުވަސްތަކުގައިވެސް ޚާއްޞަ ހަވާ އެރުވުންތައް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ޙަރަކާތްތަކުގެ ސަބަބުން އެ ސަރަޙައްދަށް ޒިޔާރަތް ކުރާ ޢާއިލާތަކާއި ފަތުރުވެރިންގެ އަދަދު އިތުވެ، ޖޯޝުން ފުރިގެންވާ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ހަވާ އެރުވުމުގެ ޙަރަކާތްތަކުގެ އިތުރުން، ޒިޔާރަތް ކުރާ ފަރާތްތަކަށް މިއަހަރުގެ ސީޒަންގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ފެލްކަން ސްޓޭޖް ގައި ޚާއްޞަ މިއުޒިކީ ޕްރޮގްރާމްތަކެއް ކުރިއަށްދާނެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެރެއަކުވެސް ސެކްސަފޯން، ޢޫދު، އަދި ގިޓާރު ފަދަ ތަފާތު މިއުޒިކީ އާލާތްތައް ބޭނުންކޮށްގެން ހުށަހެޅުންތައް އަންނަނީ ގެނެސްދެމުންނެވެ.

މިހާރު ހިނގަމުންދާ 31 ވަނަ ސީޒަން ފެށިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މި ސީޒަނުގައި 90 އަށްވުރެ ގިނަ ޤައުމުގެ ސަޤާފަތް ދައްކުވައިދޭ 29 ޕެވިލިއަން ހިމެނޭއިރު، 3,500 އަށްވުރެ ގިނަ ވިޔަފާރީގެ އައުޓްލެޓްތައް ވަނީ ޤާއިމުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އާދަހުާޔާ ޚިލާފު ތަފާތު ރޯލަރ ކޯސްޓަކާއި 40,000 އަށްވުރެ ގިނަ ޝޯއު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!