މީލާދީން 2035 ވަނަ އަހަރުގެ ނިޔަލަށް، ކްރިސްޓިއަން ދީނުގެ އާބާދީއަށްވުރެ މުސްލިމުންގެ އާބާދީ އިތުރުވެ، އިސްލާމްދީނަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ތަބާވާ ދީނަށް ވެގެންދާނެ ކަމަށް އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން ނޮވެންބަރު 18، ގައި އާންމުކުރި އައު ދިރާސާ ރިޕޯޓެއްގައި ލަފާކޮށްފިއެވެ.
މިހާރު ދުނިޔޭގެ އެންމެ ބޮޑު ދީނީ އާބާދީއެއް އޮތީ ކްރިސްޓިއަނުންގެއެވެ. 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގައި 2.27 ބިލިއަން ކްރިސްޓިއަނުންނާއި 2.02 ބިލިއަން މުސްލިމުން ތިބި ނަމަވެސް، 2035 ވަނަ އަހަރު އަންނައިރު މުސްލިމުންގެ އާބާދީ ގާތްގަނޑަކަށް 2.57 ބިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ. އަދި އެ މުއްދަތުގައި ކްރިސްޓިއަނުންގެ އާބާދީ ހުންނާނެ ކަމަށް ލަފާކުރެވެނީ 2.52 ބިލިއަނުގައެވެ.
ދުނިޔޭގެ އާބާދީއަށް އަންނަ މި ބޮޑު ބަދަލުގައި ދެ ދީނުގެ އާބާދީވެސް ޢަދަދުގެ ގޮތުން އިތުރުވަމުންދާނެއެވެ. 2020 ވަނަ އަހަރާއި 2070 ވަނަ އަހަރާ ދެމެދު މުޅި ދުނިޔޭގެ އާބާދީ 29 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ކްރިސްޓިއަނުންގެ އާބާދީ 30 އިންސައްތަ އަދި މުސްލިމުންގެ އާބާދީ 80 އިންސައްތަ އިތުރުވާނެއެވެ. މިހާރު ހުރި އުޞޫލުތަކަށް ބަދަލެއް ނައިސް ކުރިއަށްދާނަމަ، 2070 ވަނަ އަހަރު އަންނައިރު ދުނިޔޭގައި 3.6 ބިލިއަނަށްވުރެ ގިނަ މުސްލިމުން ތިބޭނެއެވެ. މިއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 36 އިންސައްތައެވެ. އެ މުއްދަތުގައި ކްރިސްޓިއަނުންގެ އާބާދީ ހުންނާނީ 3 ބިލިއަނަށްވުރެ ކުޑަތަންކޮޅެއް ދަށުގައި، ނުވަތަ ދުނިޔޭގެ އާބާދީގެ 29 އިންސައްތައިގައެވެ.
މުސްލިމުންގެ އާބާދީ މިހާ ހަލުވިކަމާއެކު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދަރިމައިވުމުގެ ނިސްބަތުގައި ހުރި ތަފާތުތަކެވެ. 2020 އާއި 2025 އާ ދެމެދު މުސްލިމް ކޮންމެ އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބޭއިރު، ކްރިސްޓިއަން އަންހެނަކަށް ލިބެނީ 2.5 ކުދިންނެވެ. އެހެން ހުރިހާ ދީންތަކެއްގެ އަންހެނުންނަށް އެވްރެޖްކޮށް ލިބެނީ 1.6 ކުދިން ކަމަށްވާއިރު، މިއީ އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ މިންގަނޑަށްވުރެ ދަށް ޢަދަދެކެވެ. މީގެއިތުރުން، އެހެން ދީންތަކުގެ މީހުންނާ އަޅާބަލާއިރު މުސްލިމުންގެ އާބާދީގައި ޒުވާނުންގެ ނިސްބަތް މަތިވުމަކީވެސް ޤުދުރަތީ ގޮތުން އާބާދީ އިތުރުވުމަށް ބާރުއަޅާ ކަމެކެވެ. 2020 އިން 2070 އަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ފަރަގުން މުސްލިމުންގެ އާބާދީއަށް 1.6 ބިލިއަން މީހުން އިތުރުވާއިރު، ކްރިސްޓިއަނުންނަށް އިތުރުވާނީ ގާތްގަނޑަކަށް 792 މިލިއަން މީހުންނެވެ.
ދީން ބަދަލުކުރުމުގެ ސަބަބުން އާބާދީއަށް އަންނަ ބަދަލު މިކަމުގައި އަދާކުރަނީ ވަރަށް ކުޑަ ދައުރެކެވެ.
ދީން ދޫކޮށްލާ މީހުންގެ ސަބަބުން މުސްލިމުންގެ އާބާދީން ގާތްގަނޑަކަށް 8 މިލިއަން މީހުން މަދުވާނެ ކަމަށް ލަފާކުރެވޭއިރު، ކްރިސްޓިއަން ދީން ދޫކޮށްލާ މީހުންގެ ޢަދަދު 105 މިލިއަނަށް އަރާނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ގޮތުގައި ކަނޑައަޅާ މީހުންނެވެ. އިސްލާމްދީނާއި ކްރިސްޓިއަން ދީނާ ދެމެދު މީހުން ބަދަލުވާ ނިސްބަތް އޮންނާނީ ގާތްގަނޑަކަށް އެއްވަރެއްގައެވެ.
ދެ ދީނުގެ އާބާދީ އިތުރުވުންވެސް އެންމެ ބޮޑަށް ފެންނާނީ މިހާރުވެސް އެ ދީންތަކުގެ އަޣުލަބިއްޔަތު އޮތް ސަރަޙައްދުތަކާއި ޤައުމުތަކުންނެވެ.
ޚާއްސަކޮށް ސަބް-ސަހާރަން އެފްރިކާގައި ދަރިމައިވުމުގެ ނިސްބަތް މަތިވުމާއި އުމުރު ދިގުވުމުގެ ސަބަބުން ދެ ދީނުގެ އާބާދީވެސް ވަރަށް ބޮޑަށް އިތުރުވާނެއެވެ. 2070 ވަނަ އަހަރު އަންނައިރު ދުނިޔޭގެ ކްރިސްޓިއަނުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅޭނީ ސަބް-ސަހާރަން އެފްރިކާގައެވެ. އަދި އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގައި އެންމެ ގިނަ ކްރިސްޓިއަނުން ދިރިއުޅޭ ޤައުމަކަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ވެގެންދާނެއެވެ. ހަމައެއާއެކު، ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމަކަށް ޕާކިސްތާން ވެގެންދާނެ ކަމަށްވެސް މި ދިރާސާގައިވެއެވެ.
ޕިއު ރިސާޗް ސެންޓަރުގެ އިސް ޑިމޮގްރަފަރ ކޮންރެޑް ހެކެޓް މި ދިރާސާގެ މައިގަނޑު ނަތީޖާ ޚުލާޞާކޮށްދެއްވަމުން ވިދާޅުވީ، އާބާދީ އިތުރުވުމުގެ އަސްލަކީ "އުފަންވާ ކުދިން" ކަމަށާއި، ދީން ބަދަލުކުރުމަކީ މިކަމުގައި ދެވަނަ ދަރަޖައިގެ ކަމެއް ކަމަށެވެ.
ދުނިޔޭގެ 201 ޤައުމަކާއި ސަރަޙައްދެއްގެ ހަތް ދީނީ ގިންތިއެއްގެ މައްޗަށް ބިނާކޮށް 2020 އިން 2070 އަށް ތައްޔާރުކޮށްފައިވާ މި ދިރާސާގައި، ހަނގުރާމަތަކާއި ބަލިމަޑުކަން ފަދަ ކުއްލި ބޮޑެތި ހާދިސާތަކުން އަތުވެދާނެ ބަދަލުތައް ހިމަނާފައި ނުވާކަން ދިރާސާވެރިން ފާހަގަކުރެއެވެ.






