ޕާކިސްތާނުގެ ޖަމްޢިއްޔަތު ޢުލަމާއޭ އިސްލާމް-ފަޟްލު (ޖޭޔޫއައި-އެފް) ގެ ލީޑަރު މައުލާނާ ފަޟްލުއްރަޙްމާން، ވިދާޅުވަނީ ސަރުކާރާއި ޕްރޮވިންޝަލް ވެރިކަމާ ގުޅުމަށް އެ ޕާޓީން ދެކޮޅު ހެދުމުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ޕާޓީގެ އިސްވެރިންނަށް ކޮރަޕްޝަންގެ މައްސަލަތައް އުފުލާނެ ކަމުގެ އިންޒާރުތައް ލިބިފައިވާ ކަމަށެވެ.
ޕާޓީގެ މެންބަރުންނާ މުޚާޠަބުކުރައްވައި ވާހަކަ ދައްކަވަމުން މައުލާނާ ފަޟްލުއްރަޙްމާން ވިދާޅުވީ، މިހާރުގެ ސަރުކާރުން ވެރިކަމުގައި ހޭދަކުރި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ސަރުކާރާ ގުޅުމަށް ވެރިކަންކުރާ ފަރާތްތަކުން ތަކުރާރުކޮށް އެޕާޓީއަށް އެދި ހުށަހަމުން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވެރިކަމާ ޙަވާލުވުމަށްވެސް ޖޭޔޫއައި-އެފް އަށް ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، "އޮޅުވާލާފައިވާ މެންޑޭޓް" އާ ހެދި އެ ހުށަހެޅުމަށް އިންކާރު ކުރުމުން، ޕާޓީގެ އިސްވެރިންގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަތައް އުފުލާނެ ކަމުގެ އިންޒާރުތައް ސަރުކާރާއި ސިފައިން ދޭން ފެށި ކަމަށެވެ.
އިންޒާރުތަކާ ގުޅިގެން މައުލާނާ ފަޟްލުއްރަޙްމާން ވިދާޅުވީ، "ތިޔަ [ކޮރަޕްޝަން] ފައިލްތައް އަހަރެމެން ތިޔަ މީހުންގެ މޫނުމައްޗަށް ޖަހާނަން،" ކަމަށެވެ.
މީގެއިތުރުން، ޕަންޖާބް ސަރަޙައްދުގައި ޖޭޔޫއައި-އެފް ގެ މެންބަރުންނާއި ލީޑަރުން ޕާޓީން ވަކިވުމަށް ވެސް ފިއްތުންތައް ކުރިމަތިކުރުވަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، ޤައުމުގެ އެއްވެސް ހިސާބެއްގައި ޕާޓީ ދޫކޮށްލުމަށް ތައްޔާރަށް ހުރި އެންމެ މެންބަރަކުވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޒުލުއްރަޙުމާން ވަނީ ޚައިބަރު ޕަޚްތޫންޚްވާގެ ޤުދުރަތީ މަޢުދަންތަކުގެ ވަސީލަތްތައް ސަރުކާރާއި ސިފައިން "ވަގަށް ނަގަމުންދާ" ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ވައްކަން އެ ޕާޓީން ފަޅާއަރުވާލުމުން، އެ ފަރާތްތަކުން ޖޭޔޫއައި-އެފް އާ މެދު ރުޅިގަދަވެފައިވާ ކަމަށްވެސް މައުލާނާ ވިދާޅުވިއެވެ.




