ނުކުޅެދުންތެރިކަން ހުރި އަންހެނަކު އިންސާނީ ވަގުފާރީގައި ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ނަފްސާނީ ގޮތުންނާއި ބުއްދީގެ ގޮތުން ނާޒުކު ޙާލަތެއްގައި ހުރި، ނުކުޅެދުންތެރިކަން ހުރި 45 އަހަރުގެ އަންހެނަކު ޖިންސީ ޝިކާރައަކަށް ހަދައި، އިންސާނީ ވަގުފާރި ހިންގި ކަމުގެ ތުހުމަތުގައި 55 އަހަރުގެ އަންހެނަކު ގްއރިސްގެ ވެރިރަށުގައި ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި، ހައްޔަރުކުރި އަންހެން މީހާ ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އޭތަންސްގެ މެދުތެރޭގައި ހިންގާ އެކި ތަންތަނުގައި 45 އަހަރުގެ އަންހެނަކު ލައްވައި ޖިންސީ ޢަމަލުތައް ހިންގުވައި، އެކަމުން ލިބޭ އާމްދަނީގެ ބޮޑު ބައެއް އަމިއްލައަށް ނަގާފައެވެ. ތުހުމަތުކުރެވޭ ފަރާތުން 45 އަހަރުގެ އަންހެނާއާ ގުޅުން ބާއްވަން ފެށީ ވެސް އޭނާގެ ނުކުޅެދުންތެރިކަމާއި ނާޒުކު ޙާލަތު ކުރިންސުރެ އެނގިހުރެ، އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ މަޤްޞަދުގައި ކަމަށް ތަޙުޤީޤުތަކުން ވަނީ ހާމަވެފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފަށާފައިވަނީ ނޮވެމްބަރު 19 ގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުން ދެނެގަތުމަށް އޮގަނައިޒްޑް ކްރައިމް ޑިރެކްޓަރޭޓުން ހިންގި އޮޕަރޭޝަން އެއްގައެވެ. އިންސާނީ ވަގުފާރިއާއި މުދަލުގެ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ސަބް-ޑިރެކްޓަރޭޓްގެ ފުލުހުން އެތަންސްގެ މެދުތެރޭގައި 10 ތަނެއް ބަލައިފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގފައި ވެއެވެ.

ފުލުހުން ހިންގި މި ބަލައިފާސްކުރުމުގެ ތެރޭގައި، މުނިސިޕަލްޓީން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް، ޤާނޫނާ ޚިލާފަށް ހިންގަމުންދިޔަ ތަނަކުން 45 އަހަރުގެ އަންހެނއ މީހާ ވަނީ ފެނިފައެވެ. އަދި އިތުރަށް ކުރިއަށް ގެންދިޔަ ތަޙުޤީޤުތަކުން އޭނާއަކީ ޖިންސީ ޝިކާރައަކަށް ހެދުމަށް އިންސާނީ ވަގުފާރީގެ ދަލުގައި ޖައްސާފައިވާ މީހެއްކަން ހާމަވިއެވެ. އޭނާގެ ނަފްސާނީ އަދި ބުއްދީގެ ނާޒުކު ޙާލަތު ޚާއްސަ ނަފްސާނީ ޢިލްމުވެރިއަކު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ތަޙުޤީޤުތަކުން ހާމަވި ގޮތުގައި، 45 އަހަރުގެ އަންހެނާ މި ޢަމަލުތަކާ ދެކޮޅު ހަދައި، އެކަން މެދުކަނޑާލި ފަހަރުތައް ވެސް އާދެއެވެ. ނަމަވެސް، ތުހުމަތުކުރެވޭ ފަރާތުން ވަނީ ބޮޑު މާލީ ފައިދާއެއް ލިބޭނެ ކަމަށް ވައުދުވެ، ޖަޒުބާތީ ގޮތުން ނުފޫޒު ފޯރުވައި، ޕްރެޝަރު ކޮށްގެން އޭނާ އަނބުރާ އެ މަސައްކަތަށް ގެންގޮސްފައެވެ. އަދި އާއިލާގެ މެންބަރުންނަށާއި މުޖުތަމަޢުގެ އެހެން މީހުންނަށް މި ކަންކަމުގެ ޙަޤީޤަތް ސިއްރުކުރުމަށް އަންގާފައިވާ ކަން ވެސް ތަޙުޤީޤަށް ވަނީ އެނގިފައެވެ.

ހައްޔަރުކުރި މީހާއާ ގުޅޭގޮތުން ހިންގި ބަލައިފާސްކުރުންތަކުގައި، ދެ މޯބައިލް ފޯނާއި އަތުން ލިޔެފައިވާ ނޯޓުތަކެއް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ހިއްސާ ކުރައްވާ!