ބަނގްލަދޭޝްގެ އިގްތިސާދު ވަޅު ޖެހެނީ ރައްޔިތުން ލޯނުތައް ނުދެއްކުމާއި ޓެކްސް ނުދެއްކުމުން.

ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ބަންގްލާދޭޝްގެ ޖީޑީޕީ ކުރިއެރުން އެންމެ ދަށް މިންވަރަކަށް، ވެއްޓިފައި ވަނީ މި ދުވަސްވަރުގައެވެ. އެގައުމުގެ އިގްތިސާދު، 3.2 އިންސައްތައަށް ވެއްޓިފައިވާއިރު، މި ހާލަތުން އަރައިގަތުމަށްޓަކައި ކޮރަޕްޝަން ހުއްޓުވުމާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމަކީ އޮތް ހަމައެކަނި މަގު ކަމަށް ބްނގްލަދޭޝްގެ މުހައްލިލުން ފާހަގަ ކުރެއެވެ. މިހާރުގެ އިގްތިސާދީ ހާލަތުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، އިންފްލޭޝަން މަތީ މިންވަރެއްގައި ހުރުމާއި، ހަކަތައިގެ ދަތިކަމުގެ ސަބަބުން ސިނާޢީ އުފެއްދުންތެރިކަމަށް ބުރޫއެރުމަކީ އިގްތިސާދަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކެވެ. އޭގެ އިތުރުން، ބޭރުގައި އުޅޭ ބަންގްލާދޭޝް ރައްޔިތުން ފޮނުވާ ފައިސާ މަދުވުމާއި އެކްސްޕޯޓު ކުރިއެރުން ލަސްވުމަކީ އިޤްތިޞާދަށް ކުރިމަތިވެފައިވާ އިތުރު މައްސަލަތަކެވެ.

މީގެ އިތުރުން ސަރުކާރުގެ ކޮރަޕްޝަނަކީ ވެސް ރައްޔިތުންގެ ޝަކުވާއެކެވެ. އެގޮތުން، ބޮޑެތި މަޝްރޫޢުތަކުގެ އަގު އަސްލު އަގަށް ވުރެ މަތިކޮށް އަންދާޒާކުރުމާއި، ބޭންކިންގ ނިޒާމުގައި ދަރަނި ނުދައްކާ ލޯނުތައް ގިނަވުމާއި، ސިނާޢީ މާލީ ދާއިރާގައި ލޯނު ލިބުމުގެ ދަތިކަން ކުރިމަތިވުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަންކަމެވެ. އަދި ދައުލަތުގެ އާމްދަނީ ލިބޭ މިންވަރާ ނުބައްދަލު މިންވަރަކަށް ޢާންމު ޚިދުމަތްތަކުގެ ދާއިރާގެ ޚަރަދުތަކާއި މުވައްޒަފުންނަށް ހޭދަކުރުމުގެ ޚަރަދުތައް ވަނީ މަތިވެފައެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) މަދުވުމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކާއި، ސިނާޢީ އިންވެސްޓްމަންޓްތަކާއި، އެކްސްޕޯޓު ފަހުގެ އަހަރުތަކުގައި ކުރިއަރާފައެއް ނުވެއެވެ. އަދި ކުރު މުއްދަތުގެ އަންދާޒާތައް ވެސް އޮތީ އުންމީދީ ގޮތަކަށެއް ނޫން ކަމަށް ބަނގްލަދޭޝްގެ އިގްތިސާދީ ދާއިރާގެ ތަފާސްހިސާބުން ދައްކައެވެ.

ޖީޑީޕީ ކުރިއެރުން 5 އިންސައްތައަށް ވުރެ ދަށް ވެއްްޖެއްނަމަ، އެގައުމަކަށް އިންވެސްޓްކުރުމަކީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ކަމެއް ނޫނެވެ. ބަނގްލަދޭޝް ސަރުކާރުން އެކި ފަހަރުމަތިން އެމްއޯޔޫތަކުގައި ސޮއިކޮށް، މަޝްރޫޢުތަކަށް ބިނާކޮށް އިންވެސްޓްމަންޓް ހުށަހެޅުންތައް ހުށަހަޅާފައި ވިޔަސް، އެކަންކަން ތަންފީޒުކުރުމުގައި ލަސްތަކެއް އުޅެއެވެ.

މިހުރިހައި ކަމަކާއެކުވެސް އެންމެ ދުޅަހެޔޮ ދާއިރާއަކީ މި ފައްތަރުގައި ދަނޑުވެރިކަމުގެ ދާއިރާއެވެ. މި ފަހުން ބަނގްލަދޭޝްއަށް ހަނަފަސްކަމާއި، ބޮޑު ފެންބޮޑުވުމެއް ނުވަތަ ޤުދުރަތީ އެހެން ކާރިސާއެއް ކުރިމަތިވެފައެއް ނުވެއެވެ.

އާންމުންގެ އަތުން ޓެކްސް ނުލިބުމަކީ ވެސް އިގްތިސާދު މެނޭޖު ކުރުމަށް ދިމާވާ މައްސަލައެކެވެ. މި ހިނގާ މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީ ލިބުނު މިންވަރު 42,000 ކްރޯޑް ޓާކާ މަދުވެފައި ވެއެވެ. އޭގެ ސަބަބުން 2026-27 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 200,000 ކްރޯޑް ޓާކާގެ ޑެފިސިޓެއް އޮންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބަނގްލަދޭޗްގައި ޓެކްސް ކަލެކްޓް ކުރާ އިދާރާ ކަމަށްވާ ނޭޝަނަލް ބޯޑް އޮފް ރެވެނިއު (އެންބީއާރު) ގެ ޤާބިލުކަމުގައި ހުރި ބަލިކަށިކަމުން އެ ޑެފިސިޓް ފޫބެއްދުމަކީ ނާދިރު ކަމެކެވެ. މިހާރު ހުރި ޓްރެންޑަށް ބަލާއިރު ޑެފިސިޓް އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑެވެ. ބަނގްލަދޭޝްގެ މާލީ ގާނޫނަށް ގެނަސްފައިވާ ބަދަލުތައް އަދިވެސް އާމްދަނީ އިތުރު ކުރުމުގެ ތެރެއިން ނުފެންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، ޢާއިލީ ޕްރައިވެޓް ކުންފުނިތަކުން ޓެކްސް ނެގުމަކީ ހަޤީޤީ ގޮންޖެހުމެކެވެ. ޓެކްސް ބޭސް ފުޅާކޮށް އާމްދަނީ އިތުރުކުރުމަށްޓަކައި ޑިޖިޓަލައިޒޭޝަން އާއި ކޭޝްލެސް މުޖުތަމަޢަކަށް މަޑުމަޑުން ބަދަލުވާ ގޮތަށް ހިމެނޭހެން ޓެކްނޮލޮޖީ ބޭނުންކުރުމަކީ ބަނގްލަދޭޝަށް ގެނަންނަ ްޖެހިފައިވާ އިސްލާހެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!