އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކެތަރިން ރަށްފުށުގައި ޗުއްޓީ ހޭދަކުރައްވަން ބޭނުންކުރައްވާ ގެކޮޅަށް ވަގަށް ވަން ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފި ކަމަށް އިނގިރޭސި ފުލުހުން ބުނެފިއެވެ.
ނޯފޯކް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރުމަތީ އިންގްލެންޑްގެ ނޯފޯކްގައި އޮންނަ ސޭންޑްރިންގްހަމް އެސްޓޭޓްގައި ޝައްކުކުރެވޭ ގޮތަކަށް ބަޔަކު އުޅޭ ކަމުގެ ރިޕޯޓް ލިބުނު ކަމަށެވެ. އެއާއެކު ފުލުހުންގެ ކުއްތާތަކާއި، ޑްރޯން އަދި ހެލިކޮޕްޓަރުގެ އެހީގައި އެ ސަރަހައްދު ބަލައި ފާސްކޮށް، ވައްކަން ކުރުމާއި ހުއްދަ ނެތި ތަނަކަށް ވަނުމުގެ ތުހުމަތުގައި އެ ގޯތީގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަގުން ވަދެފައިވަނީ ސޭންޑްރިންގްހަމް އެސްޓޭޓްގައި ހުންނަ "އެންމާ ހޯލް" އަށެވެ. 10 ކޮޓަރީގެ މި ގެކޮޅަކީ ވިލިއަމް އާއި ކެތަރިންގެ ކައިވެނިފުޅަށްފަހު، ކުރީގެ ރާނީ އެލިޒަބަތު ދެވަނަ އެ ދެކަނބަލުންނަށް ހަދިޔާކުރެއްވި ގެކޮޅެކެވެ. ސްކޫލް ޗުއްޓީތަކުގައި ވިލިއަމްގެ ދެކަނބަލުންނާއި ތިން ބޭފުޅުން މި ގެކޮޅުގައި ދިރިއުޅުއްވި ނަމަވެސް، މި ހާދިސާ ހިނގިއިރު އެއްވެސް ބޭފުޅަކު އެތަނުގައި ނޫޅުއްވާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ. ހައްޔަރުކުރި ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ޕްރިންސް ވިލިއަމް އާއި ކެތަރިން އާންމުކޮށް ދިރިއުޅުއްވަނީ ލަންޑަނުގެ ހުޅަނގުގައި އޮންނަ ވިންޑްސާ ކިއްލާގައެވެ. މި ހާދިސާއާ ގުޅޭގޮތުން ވިލިއަމްގެ އޮފީސް ކަމަށްވާ ކެންސިންގްޓަން ޕެލަސްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.



