އިންޑިއާ ފިލިޕީންސްގެ ގުޅުމަށް 75 އަހަރު

އިންޑިއާއާއި ފިލިޕީންސްގެ ގުޅުމަށް 75 އަހަރު ފުރުނުނަމަވެސް، ދެގައުމުގެ ގުޅުން މިއަދާހަމައަށް ކުރިއަށް ދިޔައީ ވރަށް ލަސް ދުވެއްޔެއްގައެވެ. އެހެންނަމަވެސް މިފަހަކަށް އައިސް، ޗައިނާއާ ގުޅޭ ކަންބޮޑުވުންތަކުގެ ސަބަބުން ދެ ގައުމު ގާތްވެ، ދެ ފަރާތުން ވަނީ، ދިފާއީ ދާއިރާގައި ގުޅުން ބަދަހިކޮށްފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ސެކަންޑް ތޯމަސް އާއި ސަބީނާ ޝޯލްގައި ފިލިޕީންސްގެ މިޝަންތަކަށް ޗައިނާއިން ކުރިމަތިކުރަމުންދާ ގޮންޖެހުންތަކާއި، 2020 ވަނަ އަހަރުގެ ޖޫން މަހު ޗައިނާއާއި އިންޑިއާ ސިފައިންގެ ދެމެދު ހިނގި ގަލްވާން ހަމަނުޖެހުމާ ގުޅިގެން އިންޑިއާ-ޗައިނާ ގުޅުން ދަށަށް ދިއުމުން ދެގައުމަށް ވަނީ އެއް ހަތުރެއް ފެނިފައެވެ.

އިންޑިއާ އާއި ފިލިޕީންސްގެ ޑިޕްލޮމެޓިކް ގުޅުމުގެ 75 އަހަރު ފާހަގަކުރުމާ ދިމާކޮށް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެ ގައުމުގެ މެދުގައި ފުރަތަމަ "ޓްރެކް 1 މެރިޓައިމް ޑައިލޮގް" ބާއްވާފައި ވެއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންގެ ބައިވެރިވުމާ އެކުގައެވެ.

ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ފިލިޕީންސްއާ އެކު އިންޑިއާގެ ޕާޓްނަޝިޕަކީ ނިސްބަތުން އައު ޕާތްނާޝިޕެކެވެ.

އިންޑިއާގެ ލުކް އީސްޓް ޕޮލިސީގެ ދަށުން 1990 ގެ އަހަރުތަކުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއެކު ކަނޑުގެ ސިފައިންގެ އެކްސަސައިޒްތައް ބާއްވަމުން ގޮސްފައި ވެއެވެ. ފިލިޕީންސްގެ ސިފައިންނާއެކު މިފަދ ތަމްރީނުތައް ފެށުނީ 2000 ގެ އަހަރުތަކުގެ މެދުތެރޭގައެވެ.

ފިލިޕީންސަކީ ގިނަ އަދަދަކަށް އިންޑިއާގެ އައިޓީ ހުނަރުވެރިންނަށް ވަޒީފާ ދޭ ޤައުމެކެވެ. އަދި ވިޔަފާރީގެ ދާއިރާގައި ދެގައުމުން މަސްލަހަތުތައް ޙިއްސާ ކުރިނަމަވެސް، ދެ ގައުމުގެ ބައިލެޓަރަލް ގުޅުން ބަދަހިވުމާއި ކުރިއަށް ގެންދިއުން ބިނާވެގެންދާނީ ޗައިނާއާއެކު އޮންނަ ގުޅުމުގެ މައްޗަށެވެ.

ފިލިޕީންސުން ދަނީ އިންޑިއާއިން ބްރަމޯސް މިސައިލް ގަތުމަށް ވާހަކަ ދައްކަމުންނެވެ.

ހިއްސާ ކުރައްވާ!