ދުނިޔޭގެ 7 ވަނައަށް އެންމެ ގިނައިން ކޮފީ އުފައްދަނީ އިންޑިއާއިން

އިންޑިއާ އަކީ މިހާރު ދުނިޔޭގެ ހަތް ވަނައަށް އެންމެ ގިނައިން ކޮފީ އުފައްދާ ގައުމެވެ. މިދިޔަ އަހަރު އިންޑިއާއިން 1.29 ބިލިއަން ޑޮލަރުގެ ކިފީ އެކްސްޕޯޓު ކޮށްފައި ވެއެވެ.  2021 ވަނަ އަހަރު އިންޑިއާއިން އެކްސްޕޯޓު ކުރީ، 719.42 މިލިއަން ޑޮލަރުގެ ކޮފީއެވެ.

އިންޑިއާގެ ކޮފީ އެކްސްޕޯޓަށް ޑިމާންޑް ބޮޑުވެފައި ވަނީ ކޮފީގެ ތަފާތު ރަހަތަކަށް އޮތް ޑިމާންޑް ބޮޑުވަމުންދާތީއެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާއިން 9،300 ޓަނަށް ވުރެ ގިނަ ކޮފީ އެކްސްޕޯޓްކޮށްފައި ވެއެވެ. އެ އެކްސްޕޯޓުގެ މަންޒިލްތަކަކީ، އިޓަލީ، ބެލްޖިއަމް، އަދި ރަޝިޔާ ފަދަ ގައުމުތަކަށެވެ.

އިންޑިއާގައި އުފައްދާ ކޮފީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި އެކުލެވިގެންވަނީ އަރަބިކާ އާއި ރޮބުސްޓާ ބީންސްއަށެވެ. މި ބީންސް އެކްސްޕޯޓު ކުރަނީ ރޯސްޓް ނުކޮށެވެ. ނަމަވެސް ރޯސްޓްޑް އަދި އިންސްޓެންޓް ކޮފީ ފަދަ ވެލިއު އެޑެޑް ޕްރޮޑަކްޓްތަކަށް ޑިމާންޑް ބޮޑުވެފައި ވުމުން، އެކްސްޕޯޓު އިތުރު ވެގެން ގޮސްފައި ވެއެވެ.

އިންޑިއާގައި ޒުވާން އާބާދީގެ މެދުގައި ކެފޭގެ ސަގާފަތް ކުރިއެރުމާއި މީހުންގެ އާމްދަނީ އިތުރު ވުމާއި ސަޔައަށްވުރެ ކޮފީއަށް އިސްކަން ދިނުމުގެ ސަބަބުން އިންޑިއާގެ އެތެރޭގައިވެސް ކޮފީ ބޭނުންކުރުން ވަނީ އިތުރު ވެފައެވެ.

މި ޓްރެންޑް ޚާއްޞަކޮށް ސިޓީތަކުން ފެނެއެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަނީ، 2012 ވަނަ އަހަރު 84،000 ޓަނުގެ ކޮފީ އިންޑިއާގައި ބޭނުން ކުރިއިރު، 2023 ވަނަ އަހަރު 91،000 ޓަނުގެ ކޮފީ ބޭނުން ކޮށްފައި ވެއެވެ.

އިންޑިއާގެ ކޮފީ އެންމެ ގިނައިން އުފައްދަނީ، ކަރްނާޓަކާ ގައެވެ. އެއަށްފަހު، ކެރެލާއާއި ޓެމިލްނާޑޫ އިންނެވެ.

ހިއްސާ ކުރައްވާ!