އިންޑިއާ މިނިވަން ޤައުމަކަށް ވެގެން ދިޔައީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް، އިންޑިއާ ސިޔާދަތީ، ޑިމޮކްރެޓިކް އަދި ޖުމްހޫރީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް އިޢުލާންކުރެވުނީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު، ޤާނޫނުއަސާސީ ތަޞްދީޤުކުރުމާ އެކުގައެވެ.
މި ދުވަހުގެ ފަހުން، ޖެނުއަރީ މަހުގެ 26 ވަނަ ދުވަސް ވަނީ ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފަށާފައެވެ.
އިންޑިއާގެ ޤާނޫނުއަސާސީން ރައްޔިތުންނަށް އަމިއްލަ ސަރުކާރެއް އިޚްތިޔާރުކުރުމުގެ ބާރު ދީ، ޑިމޮކްރަސީއަށް މަގުފަހިކޮށްދިނެވެ. ޑރ. ރާޖެންދްރާ ޕްރަސާދު، އިންޑިއާގެ ފުރަތަމަ ރައީސްގެ ގޮތުގައި ހުވާކުރެއްވީ ގަވަރމަންޓް ހައުސްގެ ދަރުބާރު ހޯލުގައެވެ.
އޭގެ ފަހުން، ފަސް މޭލު ދިގު މަގަކުން އިރްވިން ސްޓޭޑިއަމަށް ވަޑައިގެން ޤައުމީ ދިދަ ނަންގަވައިދެއްވިއެވެ.
އިންޑިއާގެ ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް:
1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، ޑރ. ބީ.އާރު. އަމްބެޑްކަރ ވަނީ ޑްރާފްޓް ކޮމިޓީގެ އިސްވެރިއެއްގެ ގޮތުގައި ޢައްޔަންކުރެވިފައެވެ. މި ކޮމިޓީގެ މަޤްޞަދަކީ އިންޑިއާއަށް ދާއިމީ އަދި ހަރުދަނާ ޤާނޫނުއަސާސީއެއް އެކުލަވާލުމެވެ. މި ކޮމިޓީން 1935 ގެ އިންޑިއާ ސަރުކާރުގެ ޤާނޫނަށް ރިޢާޔަތްކޮށް، މަސައްކަތް ފެށިތާ 141 ދުވަސް ފަހުން، 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު، ޤާނޫނުއަސާސީގެ ފުރަތަމަ ޑްރާފްޓް މަޖިލީހަށް ހުށަހެޅިއެވެ. މިހާރު ބޭނުންކުރަމުން ދަނީ އެ ގާނޫނުއަސާސީއެވެ.



