އަންހެނުންގެ އަމިއްލަ އިސްނެގުމަށް ފަށާފައިވާ ސްޓާޓްއަޕްތަކުން ދަނީ ކާމިޔާބީ ހޯދަމުން

އިންޑިއާގައި އަންހެނުންގެ އަމިއްލަ އިސްނެގުމަށް ފަށާފައިވާ ސްޓާޓްއަޕްތަކުން ދުނިޔޭގެ މައިދާނުގައި ފާހަގަ ކުރެވޭ ކާމިޔާތައް ހޯދަމުންދާ ކަމަށް އިންޑިއާގެ ސިނާއަތާ ބެހޭ ވަޒީރު ޖިޓެންދްރާ ސިންގް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އަންހެނުންގެ ވިޔަފާރިއާއި ސިނާއީ އިސްނެގުންތަކަކީ "ވިކްސިޓް ބާރަތު" (ތަރައްގީ ވެފައިވާ އިންޑިއާ) ގެ ތަސައްވުރާ ދިމާއަށް ގައުމު މިސްރާބު ހިފާފައިވާ ކަމުގެ ހެއްކެކެވެ.

ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ – ލޭޑީސް އޮގަނައިޒޭޝަން (ފިސީސީ-އެފްއެލްއޯ) ގެ ވަފުދަކާ ވާހަކަ ދައްކަވަމުން ސިންގް ވަނީ ޖައްވީ ހޯދުމުގެ ދާއިރާއާއި އެފަދަ އެހެން މުހިންމު ދާއިރާތަކުން އަންހެން ވިޔަފާރިވެރިންގެ ނުފޫޒު އިތުރު ވަމުން އަންނަ ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ އިޝާރާތް ކުރެއްވީ އިންޑިއާގެ ސޯލާ މިޝަން، އަދީއްޔާ އެލް1 އަށެވެ. މިއީ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ތެރޭގައި "ސަނީ ލޭޑީ" ގެ ނަމުން މަޝްހޫރު ނިގާ ޝާޖީ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ ދުނިޔޭގެ ފެންވަރުގެ ޕްރޮޖެކްޓެކެވެ.

"އަންހެނުން އިސްނަގައިގެން ކުރިއަށް ގެންދާ ތަރައްގީއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ކުރުމުގެ އެޖެންޑާގައި އިސްކަމެއް ދޭ ކަމެއް،" ސިންގް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަންހެން ވިޔަފާރިވެރިންނަށް ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާ ދުނިޔޭގެ ޗާޓުގައި ބެހެއްޓުމުގެ ގާބިލްކަން އެބައޮތް" ކަމުގައި އޭނާ ވިދާޅުވިއެވެ.

2014 ވަނަ އަހަރުން ފެށިގެން އިންޑިއާ ސަރުކާރުން ވަނީ އެކިއެކި އިސްނެގުމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުން މަސައްކަތްތަކެއް ފަށާފައެވެ.

ސިންގް ވިދާޅުވި ގޮތުގައި އަލަށް ވިޔަފާރި ފަށާމީހުންނަށް ހުޅުވާލި އިސްކީމުގައި މާލީ އެހީ ލިބުނު ޒުވާން ވިޔަފާރިވެރިންގެ ގާތްގަނޑަކަށް 70 ޕަސެންޓަކީ އަންހެނުން ނެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ވަޒީފާ އުފެދޭ ވިޔަފާރިތައް ބިނާކޮށްފަ އެވެ.

ހިއްސާ ކުރައްވާ!