އިންޑިއާއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކޮންސިއުލަރ ޚިދުމަތްތައް ހަރުދަނާ ކުރަން ނިންމައި އެއްތަނަކުން ހުރިހައި ކޮންސިއުލާ ޚިދުމަތެއް ދޭ ގޮތަށް ނިންމައިފިއެވެ. އެތަނުން، ވިސާއާއި ޕާސްޕޯޓާއި އެޓެސްޓޭޝަންގެ ވަސީލަތްތައް އެއްކޮށް ލިބެން ހުންނާނެއެވެ.
އިންޑިއާއިން ޔޫއޭއީގައި މި ފަސޭހަތައް ހުޅުވާނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައެވެ.
އިންޑިއަން ކޮންސިއުލާ އެޕްލިކޭޝަން ސެންޓަރު (އައިސީއޭސީ) އިން ޔޫއޭއީގައި ޖުމުލަ 14 ބްރާންޗެއް މިހާރުވެސް ހިންގައެވެ. އަދި އެތަންތަނުން، ހަތަރު މިލިއަން އިންޑިއާ ރައްޔިތުންނާއި ބިދޭސީންނަށް ހިދުމަތްދެމުން ގެންދެއެވެ.
އަބޫދާބީގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ އަމިއްލަ ފަރާތަކުން މި ޚިދުމަތް ދިނުމަށް ބީލަމަށް ހުޅުވާލާފައެވެ. އެއާއެކު ޑިޕްލޮމެޓިކް މިޝަންތަކުގައި އިން-ހައުސް ކޮށް އެޚިދުމަތްތައް އޮންނާނީ ލިމިޓްކޮށްފައެވެ.
އައިސީއޭސީ ނިޒާމުގެ މުހިންމު ސިފަތަކުގެ ތެރޭގައި އަޕްޑޭޓް ކުރެވިފައިވާ އޮންލައިން އެޕޮއިންޓްމަންޓް ބުކިން ޕްލެޓްފޯމާއި، ފަސް ދުވަހުގެ ތެރޭގައި އެޕޮއިންޓްމަންޓް ސްލޮޓްތައް ހަމަޖެހުމާއި އެޕްލިކޭޝަނަކަށް 30 މިނެޓްގެ ޕްރޮސެސިން ޓައިމް ކަނޑައެޅުން ފަދަ ޚިދުމަތް ހަރުދަނާ ކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.
ޖެނުއަރީ 2022 އާއި ޑިސެމްބަރު 2024 އާ ދެމެދު ޔޫއޭއީގައި ހުންނަ އިންޑިއާގެ އެމްބަސީން 1.58 މިލިއަނަށް ވުރެ ގިނަ ކޮންސިއުލަރ ޓްރާންސެކްޝަން ޕްރޮސެސްކޮށްފައިވެއެވެ. އަދި އެވްރެޖްކޮށް ދުވާލަކު 1،760 ޓްރާންސެކްޝަން ކުރިއަށް ގެންގޮސްފައިވެއެވެ.



