އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިންޑިއާއިން އެ ގައުމުގެ ތިންވަނަ ނިއުކްލިއަރ ޕަވަރޑް ބެލިސްޓިކް މިސައިލް ސަބްމެރިން ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާކަން އެ ގައުމުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.
މި އައު ސަބްމެރިން 2025 ވަނަ އަހަރު ކޮމިޝަން ކުރުމަށް ރޭވިފައި ވަނީ އައިއެންއެސް އަރިދަމަން ގެ ނަމުގައެވެ. މި ސަބްމެރިން ޚިދުމަތަށް ނެރުމުން އިންޑިއާގެ ކަނޑުގެ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސަލާމަތީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.
މިހާރުވެސް އިންޑިއާއިން ދެ ނިއުކްލިއަރ ސަބްމެރިނެއް އޮޕަރޭޓް ކުރެއެވެ. އެއީ އައިއެންއެސް އަރިހަންޓާއި އައިއެންއެސް އަރިހަތު އެވެ. އަދި އިންޑިއާގެ ފުރަތަމަ ނިއުކްލިއަރ އެޓޭކް ސަބްމެރިން (އެސްއެސްއެން) ވެސް ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ޚިދުމަތަށް ނެރެވޭނެ ކަމަށް ލަފާކުރެވެއެވެ.
އިންޑިއާއިން މި ފިޔަވަޅު އަޅަނީ ޗައިނާއިން އެ ގައުމުގެ ނޭވީ ފުޅާކޮށް، އިތުރު ސެބްމެރިން ޚިދުމަތަށް ނެރެ އޮޕަރޭޓްކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޗައިނާއިން އިންޑިއާ ކަނޑު ސަރަހައްދުގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުންދިއުމަކީވެސް އިންޑިއާގެ ސަރަހައްދީ ސަލާމަތަށް ނުރައްކާވާ ކަމެކެވެ.
ޚާއްސަކޮށް ޕާކިސްތާން، ސްރީލަންކާ އަދި މިޔަންމާ ފަދަ ގައުމުތަކުގައި ޗައިނާގެ ހަރަކާތްތައް އިތުރުވެ އަސްކަރީ މަރުކަޒުތައް ހަދަމުންދިއުމުން އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޗައިނާ އަދި ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ބާރު އިތުރުވަމުންދާއިރު، އިންޑިއާއިން އާ ސަބްމެރިން އިތުރުކުރުމުން އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިންޑިއާގެ ނިއުކްލިއާ ޑިޓަރެންސް އަދި ސަރަހައްދީ ސަލާމަތަށް ތައްކާތެރި ކުރިމަގެއް ލިބިގެންދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.
މި ކަމާ ގުޅޭގޮތުން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެފައި ވަނީ، "އިންޑިއާ ކަނޑުގައި އިންޑިއާގެ ހަރަކާތްތައް ވަރުގަދަކުރުމަކީ މުހިންމު ކަމެއް. އިންޑިއާގެ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ފަދަ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް" މިފަދައިންނެވެ.




