ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ) އާ އެކު އިގްތިސާދީ ގުޅުން ބަދަހި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިއާއިން އެޤައުމުތަކަށް ޚާއްސަ ޑެސްކެއް ގާއިމް ކުރުމަށް ނިންމައިފިއެވެ.
އިންޑިއާގެ މިނިސްޓަރު ފޯ ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔޫޝް ގޯޔަލް ވިދާޅުވިގޮތުގައި މި ޑެސްކު ހުންނާނީ، އިންޑިއާގެ ޓްރޭޑްސެންޓަރ ކަމަށްވާ ބާރަތު މަންޑަޕަމްގައެވެ.
އިންޑިއާއިން ވަނީ، 10 މާޗް 2024 ގައި އިންޑިއާ-އީއެފްޓީއޭ ޓްރޭޑް އެންޑް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓް (ޓީއީޕީއޭ) ގެ އެގްރިމެންޓްގައި ސޮއިކޮށްފައެވެ. މި ގައުމުތަކުގެ މަންދޫބުން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
އިންޑިއާ-އީއެފްޓީއޭ ގެ ޚާއްސަ ޑެސްކަކީ އިންޑިއާގައި ވިޔަފާރި ފުޅާކުރަން ބޭނުންވާ އީއެފްޓީއޭ ޤައުމުތަކުގެ ކުންފުނިތަކަށް އެއް ތަނުން ފަސޭހައިން ކަންކަން ހަމަޖެއްސުމަށް ބޭނުން ކުރާނެ އިދާރާއެކެވެ.
އެތަނުން، މާކެޓްގެ ހާލަތު އޮތް ގޮތާއި، ގަވާއިދުތައް އޮތް ގިތާއި ގުޅުން ހުރި ވިޔަފާރިތަކާއި އަދި އިންޑިއާގެ އިންވެސްޓްމަންޓް ޕޮލިސީތަކުގެ މައުލޫމާތު ލިބޭނެއެވެ.
އީއެފްޓީއޭގެ ޤައުމުތަކުން އިންޑިއާގައި ބާއްވާ މަތީ ފެންވަރުގެ އީއެފްޓީއޭ-އިންޑިއާ ބިޒްނަސް ރައުންޑް ޓޭބަލްގައި މި ދެ ސަރަހައްދުގެ ވެސް 100 އަށް ވުރެ ގިނަ ލީޑިން ވިޔަފާރިވެރިން ބައިވެރިވާނެ އެވެ. އަދި ފާމަސިއުޓިކަލްސްއާއި ލައިފް ސައިންސަސްއާއި ފައިނޭންޝަލް ސާވިސަސް އަދި ފިންޓެކް، މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިން، އެނާޖީ އެންޑް ސަސްޓެއިނަބިލިޓީ، ސީފުޑް އެންޑް މެރިޓައިމް، ފުޑް ޕްރޮސެސިން އެންޑް އެގްރިޓެކް ފަދަ މުހިންމު ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.
މި ގްރޫޕުގައި ހިމެނެނީ، ސުއިޒަރލެންޑް، ނޯވޭ އަދި އައިސްލެންޑާއި ލެޚްޓެޝްޓެއިންއެވެ.




