އިންޑިއާގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް އިން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 30 ބިލިއަން ޑޮލަރުގެ ރެކޯޑް އޯޑަރުތަކެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން ދެއެވެ.
މިއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ދިފާއީ ސާމާނު އުފައްދާ ކުންފުންޏެއްގެ ގޮތުގައި ހިންދުސްތާން އެރޮނޮޓިކްސް ފާހަގަ ވެގެންދާނެ ފަދަ ޑީލްތަކެކެވެ.
ބެންގަލޫރުގައި ކުރިއަށްދާ އެރޯ އިންޑިއާ 2025 ޝޯގައި ވާހަކަ ދައްކަވަމުން ހާލްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޑީ. ސުނިލް ވަނީ މިހާރު ވެސް 6.6 ބިލިއަން ޑޮލަރުގެ އާ ކޮންޓްރެކްޓްތަކެއް އެ ކުންފުންޏަށް ލިބިފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި އިތުރު 14.5 ބިލިއަން ޑޮލަރުގެ ޑީލްތައް ފައިނަލް ކުރާނެ ކަމަށް ބުނެފައި ވެއެވެ.
މިއިން އެއް ކޮންޓްރެކްޓަކީ އެކުންފުނިން އަމިއްލައަށް އުފައްދާފައިވާ އަސްކަރީ މަތިންދާބޯޓު ކަމުގައިވާ ތޭޖާސް ލައިޓްގެ 97 ބޯޓުގެ ޑީލަކާއި 156 ލައިޓް ކޮމްބަޓް ހެލިކޮޕްޓަރު ވިއްކުމުގެ ޑީލެކެވެ.
މި ދެޑީލްވެސް ވަރަށް އަވަހަށް ސޮއިކޮށް ނިންމާލެވޭނެ ކަމަށްވެއެވެ.
ހާލް އިން ވަނީ މިޙާރު އިތުރު ވަމުންދާ އޯޑަރުތައް އުފެއްދުމަށް ކުންފުނީގެ ޕްރޮޑަކްޝަން ކެޕޭސިޓީ އިތުރުކޮށްފައެވެ. އަދި ތޭޖާސް ފަޔަރ ޖެޓްގެ ތިން މެނުފެކްޗަރިން ޔުނިޓެއް ބެންގަލޫރާއި ނާސިކްގައި ވަނީ ގާއިމްކޮށްފަ އެވެ. ޓާޓާ އާއި ލާސަން އެންޑް ޓޫބްރޯ ފަދަ އަމިއްލަ ކުންފުނިތަކާ ގުޅިގެން 2026 ވަނަ އަހަރުގެ ނިޔަލަށް 26 މަތިންދާބޯޓު ތައާރަފް ކުރުމަށް އެކުންފުނިން ރާވާފައިވެ އެވެ.
އިންޑިއާގެ ދިފާއީ އެކްސްޕޯޓް ވެސް ދަނީ ކުރިއަރަމުންނެވެ. ހާލްއިން ދަނީ މެލޭޝިއާ، ފިލިޕީންސް، އަދި އުތުރު އެމެރިކާއާ އެކު ޑޯނިއާ މަތިންދާބޯޓާއި އެހެނިހެން ޕްލެޓްފޯމްތަކުގެ ޑީލްތަކަށް މަޝްވަރާ ކުރަމުންނެވެ.
އަދި އެ ކުންފުނިން އަންނަނީ އަންނަ ޖީލުގެ ޓެޖާސް މާކް 2 އާއި މަލްޓިރޯލް ހެލިކޮޕްޓަރުތަކާއި ޒަމާނީ ކޮމްބަޓް ޑްރޯންތަކަށް ފޯކަސްކޮށްގެން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް އަހަރަކު 300 މިލިއަން ޑޮލަރު އިންވެސްޓް ކުރަމުންނެވެ.



