އިންޑިއާގެ އިންވެސްޓިގޭޓިވް އެޖެންސީގެ ބެލުމުގެ ދަށުން 24 ގަޑިއިރުގެ ފާރަވެރި ކަމެއްގައި ބަހައްޓާ ފައިވާ، ތަހާވުރު ހުސައިން ރާނާ އިންޑިއާއަށް ގެނަސްފައި ވަނީ މިއަދުއެވެ. އިންޑިއާގެ މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ރާނާ އެމެރިކާއިން ގެނައީ ޚާއްސަ މަތިންދާ ބޯޓެއްގައެވެ. އޭނާއަކީ، ޕާކިސްތާނު ނަސްލުގެ އުމުރުން 64 އަހަރުގެ ކެނެޑާ ރައްޔިތެކެވެ. އޭނާއަށް ތުހުމަތު ކުރެވެނީ، 2008 ވަނަ އަހަރު މުމްބއީގެ ނެރިމަން ޕޮއިންޓުގައި ތާޖު ހޮޓަލަށް ދިން ހަމަލާގައި ލޮޖިސްޓިކް ސަޕޯޓު ދިނުމުގައި ބައިވެރިކަމަށެވެ. އަދި ޗިކާގޯގައި ހުންނާ އޭނާގެ އިމިގްރޭޝަން ކޮންސަލްޓެންސީ ކުންފުނި މެދުވެރިކޮށް ލަޝްކަރޭ ތޮއްޔިބާގެ މެމްބަރަކަށް އެހީވެދިން ކަމަށްވެސް ތހުމަތު ކުރެވެއެވެ.
އިންޑިއާގެ އޮފިޝަލުން ބުނާ ގޮތުގައި ޕާކިސްތާނުގައި ތިބި އެކަމަށް ވާގިވެރިވި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރަމުން ދިޔައެވެ.
މުމްބާއިއަށް ދިން ހަމަލާގައި 166 މީހުން މަރުވެ 238 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. ރާނާ އިންޑިއާއަށް ގެނައުމާއެކު އެއާޕޯޓްގައި އޭނާގެ މެޑިކަލް ޗެކަޕެއް ހަދާފައި ވެއެވެ.
ރާނާ އެމެރިކާއިން އިންޑިއާގައި ޗަރީއަތް ކުރުމަށް ގެނައުމަށް އިންޑިއާއިން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އިންޑިއާ-އެމެރިކާ ދެމެދު ސޮއިކޮށްފައިވާ ކުށްވެރިން ބަދަލުކުރާ މުއާހަދާގެ ދަށުން ފެށި ޝަރީއަތުގައި ރާނާ ހުރީ ބަންދުކޮށްފައެވެ.
ދިއްލީގެ އަސްކަރީ އެއާޕޯޓު ޕަލަމް އިން ރަނާ ގެންދިޔައީ ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅައިގެން އާމަރޑް ވެހިކަލެއްގައި ސީދާ ކޯޓަށެވެ. ޕަޓިއާލާ ހައުސް ކޯޓްސް ކޮމްޕްލެކްސް ގައި ހުންނަ ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީގެ ޚާއްސަ ކޯޓަކަށް ހާޒިރު ކުރުމުން އޭނާ ވަނީ 20 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަންގާފައެވެ.
ރާނާ ވަނީ އެމެރިކާގައި 2023 ވަނަ އަހަރު 14 އަހަރުގެ ހުކުމެއް ފުރިހަމަ ކޮށްފައެވެ. އެއަށްފަހުވެސް ލޮސް އެންޖެލިސްގެ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައި ވަނިކޮށް، އިންޑިއާއާ އޭނާ ހަވާލުކުރާނެ ކަން އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެބްރުއަރީ 14 ގައި މޮދީއާއެކު ވައިޓްހައުސްގައި އޮތް ބައްދަލުވުމުގައވެ. އިންޑިއާއަށް އޭނާ ފޮނުވާލަން އުޅުނު މައްސަލަ އިސްތިއުނާފު ކުރުމުން ހުރިހައި މަރުހަލާއެއްގައިވެސް އޭނާއަށް ނާކާމިޔާބުވެފައި ވެއެވެ.
މުމްބާއީގެ ހަމަލާތަކުގެ ކުރިން ރަނާ ވަނީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު ކެނެޑާއަށް ހިޖުރަ ކުރުމުގެ ކުރިން ޕާކިސްތާން ސިފައިންގެ މެޑިކަލް ކޯޕްސްގައި ހިދުމަތް ކޮށްފައެވެ. ފަހުން އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް ޝިކާގޯގައި އިމިގްރޭޝަން ކޮންސަލްޓެންސީ ކުންފުންޏެއް ހިންގަމުން ގެންދިޔައެވެ. އިންޑިއާއިން ބުނާ ގޮތުގައި މުމްބާއީ ހަމަލަ ދިނުމުގެ ކުރިން ޓެރަރިސްޓުން ހަމަލަ ދޭންވާ ތަން ބެލުމަށް ކުރި ދަތުރު ހަމަޖައްސައިދީފައި ވަނީ ރާނާގެ ކުންފުނިންނެވެ.




