އަންހެނުން ވޯޓުގެ ހައްގުން މަހުރޫމް ކޮށްފައި

ޕާކިސްތާންގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު 7 އިންސައްތައިގެ ފަރަގެއް އުޅޭކަމަށް ދައްކައެވެ. ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިއުލާންކުރިގޮތުގައި އެޤައުމުގެ 240 މިލިއަން އާބާދީގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަންހެނުން ހިމެނޭއިރު، ވޯޓު ލާމީހުންގެ ދަފްތަރުގައި 9.3 މިލިއަން އަންހެނުން ހިމަނފައި ވަނީ މަދުންނެވެ. އަދި އެމީހުން ނުހިމެނުމުގެ ސަބަބުން ސިޔާސީ ހަރަކާތުގައި ބައިވެރިވުމަށް އަންހެނުންނަށް ހުރަސްތައް އެޅިފައި ވެއެވެ.

ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް ބޭނުން ކުރަނީ ކޮމްޕިއުޓަރައިޒްޑް ނޭޝަނަލް އައިޑެންޓިޓީ ކާޑެވެ. ނަމަވެސް އައިޑީ ނެތް އަންހެނުންގެ އަދަދު ރަށްފުށުގައި ވަރަށް ގިނައެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކުގެ %12 އަންހެނުންނަށް ލިބިފައިވާއިރު ޕާޓީގެ ޓިކެޓްގައި އަންހެން ކެންޑިޑޭޓުންނަށް ލިބުނީ އެންމެ 5 ޕަސެންޓް ކަމަށް އިލެކްޝަންގެ ރެކޯޑްތަކުން ދައްކައެވެ. މި އަދަދާއެކު، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތައް 32 އިންސައްތައަށް އިތުރު ވެފައި ވެއެވެ. އަދި ތަފާތު ކުރުމާއި އަޅާނުލުން، މައިމީހާގެ ސިއްޙީ މައްސަލަތަކާ ވެސް ގުޅިފައި ވެއެވެ. ޕާކިސްތާންގައި ވިހެއުމުގެ ތެރޭގައި ކޮންމެ ހާހަކުން 178 ކުދިން މަރުވެއެވެ.

އަންހެނުން ސިޔާސީ ހަޔާތުގައި ބައިވެރި ކުރުމަށް ޕާކސްތާނު ސަރުކާރުން މޮބައިލް ޓީމްތައް ނެރެގެން މަސައްކަތްތައް ކުރެއެވެ. މައިދާނަށް ނިކުމެ އައިޑީ ކާޑް ހެދުމަށް 2024 ވަނަ އަހަރު ކުރި މަސައްކަތުން 1.5 މިލިއަން އަންހެނުން އަލަށް ރަޖިސްޓްރީ ކޮށްފައި ވެއެވެ. ނަމަވެސް ޝަރުތު ހަމަވާ 3.5 މިލިއަން އަންހެނުން އަދިވެސް ތިބީ ދަފްތަރުން ބޭރުގަ އެވެ. 2017 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނުން ކޮންމެ ދާއިރާއަކަށް %10 އަންހެނުން ވޯޓުލުން ލާޒިމުކޮށްފައި ވެއެވެ. ނަމަވެސް އަންހެނުންގެ ބައިވެރިވުން މަދުކަން މިހާރުގެ އަދަދުތަކުން ދައްކައެވެ.

އަމިއްލަ ޖަމުއިއްޔާތައް ކަމަށްވާ ޢައުރަތު ފައުންޑޭޝަން ފަދަ އެންޖީއޯތަކުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދެއެވެ. ޕާކިސްތާނުގެ އަދަދުތަކަށް ބަލައިގެން ދުނިޔެއިންވެސް މިކަމަށް ފާޑު ކިޔަމުން ދެއެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނަނީ މިފަދަ ފަރަގަކީ، "ޑިމޮކްރެޓިކް ފެއިލްވުމެއް" ކަމަށެވެ.

ދެކުނު އޭޝިއާއަށް ބަލާއިރު ޕާކިސްތާން އޮތީ ބަންގްލަދޭޝްގެ ވޯޓުލާ %49 އަންހެނުންގެ އަދަދަށް ވުރެން ދަށުގައެވެ.

ރަށްފުށުގައި ގަބީލާ ވައްޓަފާޅިއާއި ސަގާފީ އުސޫލުތަކާއި ލޮޖިސްޓިކަލް މައްސަލަތަކުގެ ސަބަބުން ގިނަ އަންހެނުންގެ އަތުގައި ކާކުކަން އަންގައިދޭ ކާޑެއް ނޯވެއެވެ. އަދި އެކަމަށް ސަގާފީ ސަބަބުތަކުން ހުރަސް އެޅިފައި ވެއެވެ. 2023 ވަނަ އަހަރު ކާކުކަން އަންގައިދޭ ކާޑު ގެންގުޅުނީ ޕާކިސްތާންގެ އެންމެ %48 އަންހެނުން ކަމަށް ނަޑްރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފިރިހެނުންނަށް ބަސް ކިޔޭގޮތަށް ކަންކަން ރޭވިފައިވާ ސަގާފަތުން އަންހެނުން ގޭތެރޭގެ ދައުރުތަކަށް ޚާއްސަ ކޮށްފައި ވެއެވެ. އަދި ރަށްފުށުގެ އަންހެނުންގެ ތެރެއިން %60 އަންހެނުން ރިޕޯޓްކުރާ ގޮތުގައި އެމީހުންނަށް މަހުރަމަކާ ނުލައި ނޫނީ ދަތުރުފަތުރުކުރުން މަނާކޮށްފައި ވެއެވެ. އަދި ޕާކިސްތާންގެ 33 އިންސައްތަ އަންހެނުންނަކީ، ލިޔަންކިޔަން ނޭނގޭ މީހުންނެވެ. އެއާ ޚިލާފަށް ފިރިހެނުންގެ 17 އިންސައްތައަށް ވެސް ލިޔަންކިޔަން ނޭނގެއެވެ. ދެ ޖިންސަށްވެސް ވޯޓުމުގެ ހައްގާ މެދު ހޭލުންތެރި ކަމެއް ނެތެވެ.

އެންމެ ފަހުގެ އިންތިޚާބު، 2024 ވަނަ އަހަރު އަންހެނުންގެ ވޯޓުލުން %37 އަށް ދަށްވިއެވެ. ގަބީލާ ސަގާފަތުގެ ޚާއްސަ ސަރަހައްދެއް ކަމަށްވާ ޚައިބަރު ޕަޚްތުންޚްވާ ފަދަ ކޮންޒަވޭޓިވް ސަރަހައްދުތަކުގައި އަންހެނުން ވޯޓުލާން ނިކުންނާކަށް ހުއްދައެއް ނޯވެއެވެ.

 

ހިއްސާ ކުރައްވާ!