އަންހެނުން ވާރުތަ މުދަލުން މަހުރޫމް ކުރަނީ ސަގާފީ ހަމަތަކުން

ޕާކިސްތާނުގެ ގަބީލާ ނިޒާމުގެ ތެރޭގައި އަންހެނުންގެ ވާރުތަވެރިކަމުގެ ހައްގުން މަހުރޫމު ކުރާ މައްސަލަ ޕާލަމެންޓްގައި ބަހުސަށް ހުޅުވާލައިފިއެވެ. މި މައްސަލައާ ގުޅިގެން ޕާކިސްތާން މުސްލިމް ލީގް (ނ) ން އިންތިޚާބު ވެފައިވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހަށް މައްސަލައެއް ހުށަހޅާފައެވެ. އެ ޕާޓީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ރޭލްވޭސް ބިލާލް އަޒްހަރު ކަޔާނީ ހުށަހެޅުއްވި މައްސަލައިން ރަށްފުށުގައި މި ސަގާފަތް އަށަގެންފައިވާ މިންވަރު ހާމަ ވެގެން ދެއެވެ.

ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް (ނ)ގެ އެމްޕީ ޝާއިސްތާ ޕަރްވޭޒް މާލިކު ވަނީ މިހާރު ހުރި ގާނޫނުތަކަކީ މިކަން ހައްލު ކުރުމަށް އެކަށީގެންވާ ޤާނޫނުތަކެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަސްއޫލު ފަރާތްތަކުގެ ފަރުވާ ކުޑަކަމުން މައްސަލަތއް ކުރިއަށް ނުދަނީކަން ފާހަގަ ކުރެއްވިއެވެ.

އެމްޕީ އާސިޔާ ނާޒް ތަނޯލީ ވެސް ވަނީ ރަށްފުށުގެ ކައުންސިލްތައް ކަމަށްވާ ޕަންޗަޔާތުތަކަކީ، އަންހެނުންގެ ހައްގުތައް ނިގުޅައި ގަތުމުގައި އިސް ދައުރެއް އަދާ ކުރާ ބަޔެއްކަން ތަކުރާރު ކުރައްވާފައެވެ.

ޚައިބަރު ޕަޚްތުންޚްވާގެ މިލީ އަވާމީ ޕާޓީގެ ފަރާތުން ވާހަކަ ދެއްކވި، މަހްމޫދު ޚާން އަޝަކަޒާއީވެސް ވިދާޅުވީ އަންހެނުން ވާރުތަ މުދަލުން މަހުރޫމު ކުރުމަކީ ގަބީލާ ސަރަހައްދުގައި ފުޅާކޮށް އަށަގެންފައިވާ މައްސަލައެއް ކަމަށެވެ. އަދި މުޅި މި ނިޒާމު ހިނގަނީ އިސްލާމީ އުސޫލާ ޚިލާފަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިހާތަނަށް އަންހެނުންނަށް ވާރުތަ ވުމުގެ ހައްގުން މަހުރޫމުކޮށްގެން ރަޖިސްޓްރީކޮށްފައިވާ 1،772 ޝަކުވާ އޭނާގެ ރިޕޯޓުގައި ހިމަނާފައި ވެއެވެ. މި ޝަކުވާތަކަކީ، އެކަމަށް ޚާއްޞަ ކޮށް ހުޅުވާފައިވާ ހެލްޕްލައިން (1099) އަށް ލިބިފައިވާ ޝަކުވާ ތަކެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ފާހަގ ކޮށްފައި ވަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އުފެދޭ މައްސަލަތައް ހައްލު ކޮށް ތަޙުކީމް ކޮށްދޭ އޮމްބްޑްސްމަންގެ އޮފީހުން ބުރަ ކޮށް މަސައްކަތްތަކެއް ކުރި ނަމަވެސް މައްސަލަތައް ގިނަވެ ފުނި ޖެހިފައިވާ ކަމެވެ. އަދި އެކަން ދިމާވަނީ ޝަރުއީ ކޯޓުތަކަށް މިކަމާ ގުޅިގެން ހުށަހަޅާ މައްސަލަތައް ނުނިންމައި ބެހެއްޓުމުން ކަމަށް އޮމްބްޑްސްމަންގެ އޮފީހާ ހަވާލާދީ ބުނެފައި ވެއެވެ.

 

ހިއްސާ ކުރައްވާ!