ކިމް ކާޑޭޝިއާންގެ އާއިލާގެ ވާހަކަ އަޑުއަހަމެއް ނޫން ހެއްޔެވެ؟ ނޭނގޭނަމަ… މި ވާހަކަ ފެށެނީ އެހިސާބުންނެވެ. ކިމް ކާޑޭޝިއަންގެ މަންމަ އަކީ، ކްރިސް ކާޑޭޝިއާން އެވެ. މި ކްރިސް މީހާއަށް ކާޑޭޝިއާންގެ ނަން ލިބުނީ އަރްމީނިއާގެ ދަރިކޮޅުގެ ލޯޔަރަކާ އިނދެގެން ނެވެ. އެކައިވެންޏަށް އޭނާއަށް ބައި ޑަޒަނަށް ވުރެން މަދުން އައުލާދު ލިބިފައި ވެއެވެ. ކާޑޭޝިއާން މަރު ގެންނެވުމުން މި ކްރިސް މީހާ، ކައިވެނީ ކުރީ، ކުޅިވަރުގެ މައިދާނުގައި ނަން ކިޔޭ މަޝްހޫރު މީހަކާއެވެ. އޭނާއަށް ކިޔަނީ، ވިލިއަމް ބުރުސް ޖެނާއެވެ. މިހިސާބަށް އޮޅުމެއް ނެތި ސާފު ވެއްޖެ ދޯއެވެ؟
އެކަމަކު ވާހަކަ ފެށެނީ މިހިސާބުންނެވެ! އުމުރުން 66 އަހަރު ވަންދެން ފިރިހެއްގެ ގޮތުގައި އުޅުމަށް ފަހު، މި ބުރުސް ޖެނާ ކުއްލިއަކަށް ފިރިހެން ވަންތަކަން މަތިން ފޫހި ވެއްޖެއެވެ. އެހިސާބުން އޮޕަރޭޝަނެއް ކޮށްގެން މިސޮރު ޖިންސު ބަދަލުކޮށްގެން އަންހެނަކަށް ވެގެންފިއެވެ.
ކުރިން އޭނާއަށް ކަލޯ އޭ! ކިޔައި ގޮވައި އުޅުނު މީހުން އޭނާއަށް ކަނބުލޯ އޭ! ކިޔައި ގޮވުމަށް މަޖުބޫރު ކޮށްފިއެވެ. ކުޅިވަރަށް ލޯބިކުރާ ފިރިހެނެއްގެ ގޮތުގައި އިޝްތިހާރު ކުޅެ އުޅުނު މިމީހާ ދެން ފައުޅުވީ އަތް ދަބަސް އަޅައިގެން ރަނޑާލި ގޮތަކަށެވެ. އަރަން ފެށީވެސް ފުންނާބު އުސް ކަށްޓަކަށެވެ.
ކޮންމެ އަކަސް…! މިބާވަތުގެ މީހުންގެ ހައްގުތަކަށް ބާރުއެޅުން، ޒަމާނުގެ ވައްޓަފާޅިއަކަށް ވެއްޖެއެވެ. ފިރިހެނަކު އަންހެނަކަށް ވުމުން ހައިރާން ނުވެ ނުދާނެ ދޯއެވެ! ޚުންސާއިންގެ ވާހަކަ އެއީ މުޅިން އެހެން ހާލަތެއް ނޫން ހެއްޔެވެ؟
އެކަމަކު މި ބުރުސް ޖަނާ އަންހެނަކަށްވީ އޭނާ ޚުންސާއަކަށް ވެގެނެއް ނޫނެވެ. އޭނާ ކްރިސް ކާޑޭޝިއާންއާ އިނދެގެން 2 ކުދިން ހޯދީ ދަރިފަނި އުފެދި، އަންހެނަކު ބަލިވެ ބައިންދޭތީ ނޫން ހެއްޔެވެ؟
ކޮންމެއަކަސް…! މިއަދު އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުން ވަނީ އަންހެނެއްގެ ޖިންސުގައި ގިންތި ކުރެވޭނީ ކާކުތޯ ކަމަށް ބުނެ ހުކުމެއް ކޮށްފައެވެ. ފިރިހެނުން އަންހެނުނަށް ވެ، ޖިންސު އޮޅުވާލަމުން ދިއުމާ ގުޅިގެން "ފޯރ ވިމެން ސްކޮޓްލެންޑް" ޖަމުއިއްޔާއިން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީއެވެ.
އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ޙުކުމް ވަރަށް ސާފެވެ.
އެޙުކުމްގައި ބުނެފައި ވަނީ ވިހޭއިރު އަންހެނެއްގެ ގޮތުގައި ދުނިޔެއަށް އުފަންވާ މީހާއަކީ އަންހެން ޖިންސުގައި ގިންތި ކުރެވޭނެ މީހެއް ކަމަށެވެ. އެ ނޫން މީހުންނަށް ސޮރީ! އެވެ. އަދި ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ ޚުންސާއިންނަށްވެސް އިޙުތިރާމް ކޮށް އެމީހުންނަށް ލިބެންވާ ހައްގެއް އެމީހުންނަށް ދިނުންވެސް ކަށަވަރު ކުރަން ޖެހޭނެކަމަށެވެ.






