ޖަރުމަނާއި އިންޑިއާއިން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ގުޅުން ބަދަހި ކުރަނީ

އިންޑިއާގެ ޔޫނިއަން މިނިސްޓަރ ޖިތެންދްރަ ސިންގް އާއި ޖަރުމަނުގެ މިނިސްޓަރ-ޕްރެޒިޑެންޓް މާކަސް ސޯޑަރ އާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި އިންޑިއާ އާއި ޖަރުމަނުވިލާތް ވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އާޓިފިޝަލް އިންޓެލިޖެންސް، ކުއަންޓަމް ޓެކްނޮލޮޖީސް، ބަޔޯޓެކްނޮލޮޖީ، ސާފު ހަކަތަ، އިލެކްޓްރިކް މޮބިލިޓީ، އަދި ގްރީން ހައިޑްރޮޖަން ފަދަ ދާއިރާތަކުގައި އެބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ސިންގް ވަނީ އިންޑޯ-ޖަރުމަން 2+2 މޮޑެލް އާއި، އެކަޑަމިއާ އާއި އިންޑަސްޓްރީ ގުޅުވައިދޭ ގޮތާއި، އިންޑިއާގައި ހުރި 3،000 އަށްވުރެ ގިނަ ބަޔޯޓެކް ސްޓާޓްއަޕްތަކާއި، އަދި ވެކްސިން އުފެއްދުމުގައި އިންޑިއާގެ ލީޑަރޝިޕް ދައުރާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ ފަޒާއީ ދާއިރާއާއި ނިއުކްލިއަރ ދާއިރާތައް މިހާރު އަމިއްލަ ފަރާތްތަކަށް ހުޅުވާލެވިފައިވުމާއެކު ފުރުޞަތުތަކެއް ފަހިވެގެން ގޮސްފައި ވެއެވެ. އަދި އިންޑިއާގެ ސްޓާޓްއަޕް އިކޯސިސްޓަމް ދުނިޔޭގައި ތިންވަނައަށް ރޭންކްކުރެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގައި ދެގައުމުގެ ދެމެދު ފުރުސަތުތައް ބަދަލު ކުރުމަށްވެސް މަޝްވަރާ ކުރެވުނެވެ. މިގޮތުން ޖަރުމަނުވިލާތުގައި އިންޑިއާ ގެ 50،000  ދަރިވަރުން ސްޓެމްގެ ދާއިރާއިން ކިޔަވަމުންދާކަމާއި، އިންޑިއާގައި އިތުރު ޖަރުމަނު ދަރިވަރުން ކިޔެވުމަށް ވެސް ބާރު އެޅުއްވިއެވެ. ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވި މި މަޝްވަރާތަކަކީ އިންޑޯ-ޖަރުމަން ސައިންޓިފިކް ކޯޕަރޭޝަންގެ 50 އަހަރުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ކުރެވުނު މަޝްވަރާތަކެކެވެ.

ހިއްސާ ކުރައްވާ!