ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ހިނގަމުންދާ ސުލްޙަވެރި އިދިކޮޅު ހަރަކާތުގެ ލީޑަރު މަހްރަންގް ބަލޫޗް، ދެ ހަފްތާ ކުރިން ހައްޔަރުކުރުމާ ގުޅިގެން ބަލޯޗީން ވަނީ އެ ސަރަޙައްދުގައި އިހުތިޖާޖުތަކާއި ހަޅުތާލުތައް ކުރިއަށް ގެންދަން ފަށާފައެވެ. އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމަކީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިންސާނީ ޙައްޤުތަކަށް އަރައިގަތުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) އިން ބުނެއެވެ. އަދި އެމީހުންނަށް އަމާޒުކޮށް ހިންގަމުންދާ ފުޅާ ދާއިރާއެއްގެ ޙަމަލާތަކުގެ ބައެއް ކަމަށްވެސް ސިފަ ކުރެއެވެ.
ބަލޯޗިސްތާނަކީ، މަޢުދަނުގެ ގޮތުން މުއްސަނދި ސަރަހައްދެކެވެ. ނަމަވެސް އިޤްތިޞާދީ ގޮތުން ފަގީރު ސަރަޙައްދެކެވެ. ޕާކިސްތާން ސަރުކާރަށް ތުހުމަތު ކުރެވެނީ، ބަލޫޗިސްތާނުގައި، ގުދުރަތީ ވަސީލަތްތައް ނާޖާއިޒު ގޮތްގޮތަށް ބޭނުން ކުރުމާއި މީހުން ގަދަކަމުން ނިޒާމުން ގެއްލުވާލުމުގެ ތާރީޚެއް އޮތް ބަޔެއްގެ ގޮތުގައެވެ.
މި މައްސަލަތަކާ ދެކޮޅަށް ފާޅުގައި ވަކާލާތުކުރާ ފަރާތެއް ކަމުގައިވާ އެކްޓިވިސްޓް މަހްރަންގް ވަނީ އަންހެނުންގެ އިސްނެގުމުގެ ދަށުން ހިންގާ ކެމްޕޭންތައް ކުރިއަށް ގެންގޮސްފައެވެ. އަދި އޭނާއަކީ، 2023 ވަނަ އަހަރު ހިންގި މަޝްހޫރު ބަލޫޗް ލޯންގް މާރޗްވެސް ހިންގި ފަރާތެވެ. އެކްޓިވިސްޓު ލީޑަރުން ބުނާ ގޮތުގައި ޖަލުގައި އޭނާގެ ޞިއްޙީ ޙާލަތާ މެދު އެފަރާތްތަކުން ބިރު ގަނެވެ. ބަލޯޗީން ބުނާ ގޮތުގައި އެމީހުންގެ ހަރަކާތްތެރިކަމުގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އަންހެނުންގެ ހަރަކާތްތަކުން ވަނީ މަހްރަންގްއަށް އެހީތެރިވުމަށާއި ޕާކިސްތާނު ސަރުކާރާއެކު މަޝްވަރާކުރުމަށް ބާރުއަޅާފައެވެ.



